ޚަބަރު

އެމްޑީޕީގެ ރައީސްކަމަށް އަނެއްކާވެސް ރައީސް ނަޝީދު!


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް އަނެއްކާވެސް އެޕާޓީގެ މިހާރުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައިވަނީ މިކަން ހާމަކުރައްވާފައެވެ. އާ ދައުރަކަށް ކުރިމަތިލައްވާކަން ހާމަކުރައްވައި ރައީސް ނަޝީދުވަނީ އެމްޑީޕީގެ ޢާއްމު މެމްބަރުންގެ ތާޢީދަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ޓްވީޓް

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އާއި ނައިބްރައީސްގެ މަގާމަށް ކުރިމަތިލުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހުގެ 22ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް ފުރުސަަތު ހުޅުވާލާފައިވަނީ މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒްގެ ދައުރު އަންނަމަހު ހަމަވާނެއެވެ.

އަދި އެމްޑީޕީގެ ރައީސްކަމުގެ އައު ދައުރަކަށް ރައީސް ނަޝީދު ކުރިމަތިލައްވާނެކަމަށް މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.

އެމްޑީޕީން ބުނީ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ލެވޭނީ މިމަހުގެ 19 ވަނަ ދުވަހަށް އެ ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށެވެ. ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާ މީހުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 400 މީހުންގެ ސޮއި ހުށައަޅަންޖެހެއެވެ.