ސިއްހަތު

އައި.ޖީ.އެމް.އެޗްގެ އާ އިމާރާތުގެ ބޭނުން ޖުލައި މަހު ފަށަނީ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގައި ހަދާ އެގާރަ ބުރީގެ އާ އިމާރާތުގެ މަސައްކަތް ނިންމާ، ޖުލައި ފަންސަވީހުގެ ނިޔަލަށް އެ އިމާރާތް ބޭނުންކުރެވެން ފެށޭވަރު ވާނެކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.އައި.ޖީ.އެމް ހޮސްޕިޓަލުގެ އާ އިމާރަތުގެ މަސައްކަތް ކުރިން ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް ހުރަސްތަކެއް ދިމާވުމުގެ ސަބަބުން، މި މަސައްކަތުގެ މުއްދަތު އެކިފަހަރު މަތިން ވަނީ އިތުރުކުރެވިފައެވެ.އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހަދާ އެގާރަ ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، އައި.ޖީ.އެމް.އެޗްއަކީ ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ މީހުން ފަރުވާހޯދުމަށް އަންނަ ހޮސްޕިޓަލަށްވީއިރު، އެކިކަހަލަ ސަބަބުތަކާއިހުރެ، އައި.ޖީ.އެމް.އެޗްގެ އާ އިމާރާތުގެ މަސައްކަތުގެ ސްޕީޑް މަޑުޖެހިފައިވުމުން، އެހޮސްޕިޓަލުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކުރެވުނު މަސައްކަތުން މިހާރު އެ އިމާރާތުގެ ނުވަދިހަ އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި އަންނަ ޖުލައިމަހުގެ ފަންސަވީހުގެ ނިޔަލަށް އެ އިމާރާތް ބޭނުންކުރަން ފެށޭވަރު ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ އައި.ޖީ.އެމް.އެޗް މަރާމާތުކުރުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ގައިނީ ވޯޑް، ޕްރައިވެޓް ވޯޑް1، ބޭސްމަންޓް ސްޓޯރ ސަރަހައްދު، ސަރިޖިކަލް ވޯޑް އަދި ޕީޑިއެޓްރިކް ވޯޑުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، އެހޮސްޕިޓަލުގެ ކަންކަން ރަނގަޅުކުރުމުގެ ގޮތުން ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މިނިސްޓްރީން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި، ފެންވަރު ރަނގަޅު އަވަސް ގޮތެއްގައި ސިއްޚީ ޚިދުމަތް ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މައިގަނޑުއެއް އަމާޒުކަމުގައެވެ.އައިޖީ.އެމް.އެޗްގެ އާ އިމާރާތުގައި ހަދާ މެޑިކަލް އަދި ޕްރައިވެޓް ވޯޑްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި އަލަށް މަރާމާތުކުރެވުނު ބޭސްމަންޓް ސްޓޯރަށް ލެބް ބަދަލުކުރުމުގެ ތައްޔާރީތައްވެފައިވާއިރު، މިމަހުގެ ފަންސަވީހުން ފެށިގެން ލެބޯޓްރީ މަރާމާތުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.