ޚަބަރު

1 ގަރާޖުގައި 1700ކާރުވެސް ރެޖިސްޓްރީކޮށްފައި އެބަހުރި - ޓްރާންސްޕޯޓް


މާލޭގައި ގަރާޖުތަަކަށް ކާރު ރަޖިސްޓްރީކުރުމުގައި 1 ގަރާޖަކަށް 1700 އެއްހައި ކާރު ރަޖިސްޓްރީކޮށްފައި އެބަހުރިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ މިފަދަ ކަންކަން ޙައްލުކުރުމަށްޓަކައި ގަރާޖުތަކަށް މިހާރު ހުއްދަ ދޫކުރަނީ، ޓްރާސްޕޯޓުގެ މުވައްޒަފުން އެތަންތަން ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

މާލޭގެ މަގުތަކުގައި ދުއްވުމަށް މިހާތަނަށް 80000 އެއްހައި އުޅަނދުވަނީ ރަޖިސްޓްރީކޮށްފައެވެ.
މި ޢަދަދުގެ ތެރެއިން 4500 އަށްވުރެ ގިނަ އުޅަނދަކީ މާލޭގައި ދުއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި އުޅަނދުތައް މާލެއަށް ތޮއްޖެހުމަކީ ޢާއްމު ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.
ޚާއްސަކޮށް މާލެ އެތެރެކުރާ ކާރުތައް ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް މާލޭގެ މަގުތަކުގައި ޕާކުކުރާ ކުރުމަކީ އެކަމުގެ ޝަކުވާ އަބަދުވެސް އިވޭ ކަމެކެވެ. އަދި ޙައްލެއް ނުލިބި އެތައް ޒަމާނެއްވީ ބޮޑު މައްސަލައެކެވެ.

މި މައްސަލައާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވިދާޅުވީ 1 ގަރާޖުގައި އެތަށް ކާރެއް ރަޖިސްޓްރީކުރުމުގެ މައްސަލައަކީ މިނިސްޓްރީއަށްވެސް ވަރަށް ބޮޑަށް ފާހަގަވެފައިވާ މައްސަލައެއްކަމަށެވެ.

ކާރު ރަޖިސްޓްރީ ކުރާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ބަލާ އުސޫލު މިހާރު ހަރުދަނާކޮށްފައިވާކަމަށް ޝިމާޒް ވިދާޅުވިއެވެ. އަދި ގަރާޖު ސިޓީ ދޫކުރަނީ ސިޓީ ކައުންސިލުން ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދެނީ އެއަށް ބެލުމަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބޮޑެތި އޮޅުވާލުންތައް އޮޅުވާލައިގެން އެއް ގަރާޖުގައި އެތަށް ސަތޭކަ ކާރެއް ރަޖިސްޓްރީކޮށްފައި އެބަހުރިކަމަށް ޝިމާޒް ވިދާޅުވިއެވެ.

"100-150 އެއް ނޫން. 1700 ކާރު، ގަރާޖުގައި ރެޖިސްޓްރީކޮށްފައިވާ ގަރާޖުތައްވެސް އެބަހުރި. މިހާރަކު އެކަން ނުބަލައި އެއްވެސް އުޅަނދެއް ރެޖިސްޓްރީ ކުރާކަށް ހުއްދައެއް ނުދެން." ޝިމާޒް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ މިކަމަކީ ގަރާޖުތަކަށް، ނުވަތަ އުޅަނދުތަކުގެ ވެރިންނަށް ފިޔަވަޅު އަޅައިގެން ޙައްލުވާނެ ކަމެއް ނޫންކަމަށެވެ. މިކަމުގައި މިނިސްޓްރީއާއި މިކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުގެ ބޮޑެތި އިޙުމާލުތައް ހުރިކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"އެތަށް އުޅަނދެއް ރެޖިސްޓްރީކޮށްފަ އޮންނަ ހުއްދަ އެއްފަރާ ބާތިލެއް ނުކުރެވޭނެ. މިކަމަކުގައި ގަރާޖުތަކާއި އެއްވަރަށް ޙިއްސާވާ އެތަށް ބަޔަކު އެބައުޅޭ. އެހެންވީމާ މިކަން އަދިވެސް އިތުރަށް ބަލައިގެމް ގޮތެއް ނިންމޭނީ." މިނިސްޓަރ ވިދާޅުވިއެވެ.

ކާރު ޕާކިންގއަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަށް ފުރި، މިހާރުވެސް މާލޭގެ އެތަށް މަގަކާއި ހުސް ބިންތަކުގައި ގިނަ ޢަދަދެއްގެ ކާރުތައް ޕާކުކޮށްފައި އެބަހުއްޓެވެ. މިކަން ޙައްލުކުރުމަށް ހަތަރު ފުރުރޮޅުލީ އުޅަނދަށް ޚާއްސަ ޕާކިންގ ޒޯންތަކާއި، އަދި އާ މަޝްރޫޢުއެއްގެ ގޮތުގައި ޕާކިންގ ޢިމާރާތްތަކެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ.