ޚަބަރު

5ވަނަ އިންޓަރނޭޝަނަލް ކްރެނިއޯފޭޝަލް ޑެންޓަލް އެންޑް މެޑިކަލް ސަމިޓް ރާއްޖޭގައި ފަށައިފި


5ވަނަ އިންޓަރނޭޝަނަލް ކްރެނިއޯފޭޝަލް ޑެންޓަލް އެންޑް މެޑިކަލް ސަމިޓް ރާއްޖޭގައި ފަށައިފިއެވެ. ކްރެނިއޯފޭޝަލް ރިސަރޗް ފައުންޑޭޝަނުން ފެށި މިސަމިޓް ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ.

ކްރެނިއޯފޭޝަލް ރިސަރޗް ފައުންޑޭޝަނުން ބާއްވާ ކްރެނިއޯފޭޝަލް ޑެންޓަލް އެންޑް މެޑިކަލް ސަމިޓަކީ މޫނުމަތީގެ އައިބުތަކާއި، އަދި މޫނަށް ލިބޭ އެކިއެކި ގެއްލުންތަކުގައި ދޭ ފަރުވާއާއި ގުޅޭގޮތުން، މި ދާއިރާގައި މަސައްކަތް ކުރާ 100އެއްހައި ޑޮކްޓަރުންނާއި ޕްރޮފެސަރުން ބައިވެރިވެގެން ރާއްޖޭގައި ފެށި ކޮންފަރެންސްއެކެވެ. މި ސަމިޓް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

ސަމިޓް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިފަދަ ރިސަރޗް ކޮންފަރެންސްތަކުގެ ސަބަބުން އާ ޚިޔާލުތަކަށް މަގުފަހިވެ، ސިއްޙީ ފަރުވާދިނުމަށް އާ ގޮތްތައް ހޯދުމަށް މަޝްވަރާކުރުމަށް ފުޅާ ދާއިރާއެއްގައި މަގުފަހިވާކަމަށެެވެ. އަދި އެކި ޤައުމުތަކުގައި ބޭނުންކުރާ އުކުޅުތައް ޙިއްސާކޮށް މުޅި ދާއިރާ ކުރިއަރައިގެން ދިއުމަށް އެހީއަކަށް ވެގެންދާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"އަންނަ އަހަރަކީ ޢާއްމު ބަލިތައް މަދުކުރުމަށް ރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ އަހަރެއް. އެހެންވީމަ ވިހެއުމުގެ ތެރެއިން ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް(އައިބުވުމުގެ މައްސަލަތައް) މަދުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން." މިނިސްޓަރ އަމީން ވިދަޅުވިއެވެ.

ކްރެނިއޯފޭޝަލް ރިސަރޗް ސެންޓަރުގެ ޕްރެސިޑެންޓް ޕްރޮފެސަރ އެން.އެމް ބާލާޖީ ވިދާޅުވީ މި ދާއިރާއިން އިތުރު ގިނަ ދިރާސާތައް ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ބަލިތަކާއި، އެކަމުގެ ފަރުވާއާއި، އަދި ބަލި މަދުކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ސަމިޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން ހަދާފައި ހުރި ރިސަރޗްތަކުގެވެސް އެބަ އަލުން ބަލައި އަޕްޑޭޓްކުރެވޭ. އަދި މިހާރު ކުރިއަށްދާ ދިރާސާތަކާއެކު ޚިދުމަތް ދިނުމުގައި އިތުރު އީޖާދުތައް ގެންނާނަން." އެމް.އެސް ބާލާޖީ ވިދާޅުވިއެވެ.

މި ދާއިރާއިން ރާއްޖެ އޮތް ޙާލަތާ ގުޅޭގޮތުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ މިއީ ރާއްޖެއަށް އަދިވެސް އިތުރު ކުރިއެރުންތައް ބޭނުންވާ ދާއިރާއެއްކަމަށެވެ. މިދާއިރާގައި ދިވެހި ޑޮކްޓަރުން ނެތްކަން ޑރ.ޝާހް މާހިރުވަނީ ފާހަގަކުރައްވާފައެވެ.

"މި ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރާ ސްޕެޝަލިސްޓުން ވަރަށްމަދު. މިއީ ތަރައްޤީ ކުރަންޖެހޭ ދާއިރާއެއް. މިހާރު މިބަރޯސާވަނީ މުޅިންވެސް ބޭރު ޑޮކްޓަރުންނަށް." ޑރ.ޝާހް މާހިރު ވިދާޅުވިއެވެ.

މި ސަމިޓަކީ 3 ދުވަހަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްގެންދާ ސަމިޓެކެވެ. މިއީ މީގެ 5ވަނަ ސަމިޓެވެ.

މި ސަމިޓުގެ ތެރެއިންވަނީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޢަމާޒުކޮށްގެން، އެކި ކަހަލަ ކުއްލި ޙާލަތްތަކުގައި ފަރުވާދޭނެ ގޮތްތައް ކިޔައިދިނުމަށް ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ.