ވިޔަފާރި

ހަނިމާދޫއިން ކޮޗިންއަށް - ދެކޮޅު ޓިކެޓް 2000 ރުފިޔާގައި


މޯލްޑިވިއަންއިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިން އިން ހަނިމާދޫއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުފިޔާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 2290 ރުޕީސްގައެވެ. މާލެއިން ކޮޗިންއަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްގައެވެ. އެއީ ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ.

މިމަހުގެ 28 ވަނަ ދުވަހު ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފަށާއިރު ކޮންމެ ހަފްތާއަކު 3 ދުވަހު ކޮޗިންއަށް ދަތުރުކުރާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނީ ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ކައިރި މުސްތަޤްބަލެއްގައި ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށްވެސް މޯލްޑިވިއަންއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އިންޑިއާގެ ޗެންނާއީ އާއި ޓްރިވެންޑުރަމަށް މިހާރުވެސް މޯލްޑިވިއަނުން ޝެޑިއުލްދަތުރުތައް ކުރެއެވެ.