ޚަބަރު

ސޯޅަ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަނިކޮށް އަތުލައިގެންފި


ސޯޅަ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބިދޭސީ ފިރިހެނަކު ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މިމައްސަަލާގައި އަތުލައިގަނެފައިވަނީ ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްކަމަށެވެ. އެމީހާގެ އަތުން 4.67 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.

އިއެދާރާއިން ބުނެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މި މީހާއާމެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުގެ ތެރެއިން ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

އަތުލައި ގަނެވުނު މަސްތުވާތަކެތީގެ ބަރުދަން 4.67 ކިލޯއަށް އަރާއިރު މިތަކެތީގެ މަގުމަތީ އަގު .16,327.913 (ސޯޅަ މިލިއަން ތިންލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ ތޭރަ) އަށް އަރައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާކަމަށްވެސް ކަސްޓަމްސް އިންބުނެއެވެ. މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ އެކި ފަހަރުމަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.