ކުޅިވަރު

ޤައުމީ ފުޓްބޯޅަ ޓީމްތަކަށް ލަފާދޭ ކޮމެޓީގެ ޗެއާމަނަކަށް ޢަލީ ވަހީދު


ޤައުމީ ފުޓްބޯޅަ ޓީމްތަކަށް ލަފާދޭ ކޮމެޓީގެ ޗެއާމަނަކަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު އައްޔަންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ޤައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ބުރޯންޒް މެޑަލް ހޯދުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ޢަލީ ވަހީދު ގައުމީ ޓީމްތަކަކަށް ލަފާދޭ ކޮމެޓީގެ ޗެއާމަންކަމަށް ހަމަޖައްސާފައިވާއިރު، ޢަލީ ވަހީދު ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީމް ޖަލީލްއަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެފްއޭއެމަކީ ކަރަޕްޝަންގެ ހާޔެއްކަމަށާއި އެއްވެސް ގޮތަކުން އެފްއޭއެމްގައި ސިޔާސީ އޮފީހެއް ނެހެދޭނެކަމަށް ބުނެ އަލީ ވަހީދު ވަނީ ބައްސާމަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ސަސްޕެންޑްކޮށްފައިވަނީވެސް ވަރަށް ބޮޑު ރޭވުމަކުންކަމަށާއި ރާއްޖޭގައި ފަހަކަށް އައިސް ހިނގައިދިޔަ އެންމެ ބޮޑު ކަރަޕްޝަން މައްސަލަކަމަށްވާ އެމްއެމްޕީއާރްސީއާއި ގުޅުންހުރި ކަޅުފޮށިތަކެއް ފުލުހުން އެފްއޭއެމުން ނެރެފައިވާކަމަށް ބުނެ އަލީ ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެހެންނަމަވެސް މިހާރު އަލީ ވަހީދު ވަނީ ބައްސާމްއާއެކު މަސައްކަތް ކުރުމަށް ނިންމާފައެވެ. ޤައުމީ ޓީމަށް ލާފާދޭ ކޮމެޓީ އެންމެ ފުރަތަމަ އެކުލަވާލެވުނުއިރު، ކޮމެޓީގެ ޗެއަރމަނަކަށް ހަމަޖައްސާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. އޭރު ކޮމެޓީގައި ތިއްބެވި މެންބަރުންނަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު، ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް އަދި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.

ފާޑުކިއުންތަކާއި ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ފަހުންވަނީ ކޮމެޓީގައި ބައިވެރިނުވާން ނިންމަވާފައެވެ. ޤައުމީ ޓީމްތަކަށް ލަފާދޭ ކޮމެޓީގެ ޗެއަރމަނަކަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހަމަޖެއްސުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލް ވިދާޅުވީ އަލީ ވަހީދަކީ ފުޓްބޯޅަ މީހެއްކަމަށާއި، ޤައުމީ ޓީމްގެ މެނޭޖަރުކަމާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޗެއަރމަންކަން ކުރެއްވިއިރު ޢަލީ ވަހީދު ވަނީ ނަމޫނާ ދައްކަވާފަކަމަށެއެވެ.

"އަޅުގަނޑު ބަގޫލް ކުރަނީ އަލީ ވަހީދޭ ބުނީމަ އެއީ، އެއީ ޓޫއަރިޒަމް މިނިސްޓަރއެއް ނޫންކަމަށް. ފުޓްބޯޅަ މީހުން އަލީ ވަހީދު ދަންނާނީ ނިއުގެ ޗެއަރމަންގެ ގޮތުގައި. އަލީ ވަހީދުއަކީ ފުޓްބޯޅަ ކުލަބްއެއް ހިންގާ، ފުޓްބޯޅައަށް އިންގިލާބީ ބަދަލްތަކެއް ގެނެސްފައިވާ އިސްފަރާތެއް. އަލީ ވަހީދުގެ ދުރު ވިސްނުމާއެކު 4 އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަންކޮށްފަ. ގައުމީ ސީނިއަރ ޓީމްއާއި ޖޫނިއަރ ޓީމްތަކަށް އިންގިލާބީ ބަދަލްތަކެއް އަންނާނެކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން. އަލީ ވަހީދުގެ އިސްނެންގެވުމާއިއެކު މިކަން އިތުރަށް ފުރިހަމަވެގެންދާނެކަމަށް އަޅުގަނޑު މިދެކެނީ." ބައްސާމް ބުންޏެވެ.

އަލީ ވަހީދު ވިދާޅުވީ، ކޮމިޓީގެ މައްސަލައިގައި މިހާތަނަށް އެއްޗެއް ނުބުނެ މަޑު ޖައްސާލައްވައިގެން ހުންނެވީ ރައީސްގެ ހުއްދަ އެކަމަށް ލިބިވަޑައިގަންނަވަންދެންކަމަށެވެ. އަދި އެ ހުއްދަ ރައީސް މިހާރު ދެއްވާފައިވާ ކަމަށާއި ކޮމިޓީގެ ކަންކަމަށް ދުވާލަކު ދޮޅު ގަޑިއިރު ހޭދަ ކުރައްވާނެ ކަމަށެވެ.