ހއ އިހަވަންދޫގައި ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ކެޕޭސިޓީ އިތުރުކޮށް ސްޓޯރޭޖް ބޭނުންކުރަން ފަށައިފިއެވެ.
މީގެ ކުރިން މިއައިސް ޕްލާންޓުން ދުވާލަކު އުފެއްދެނީ 25 ޓަނުގެ އައިސްއެވެ. މިބަދަލާއެކު އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅު ވެގެންދާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އަދި އިހަވަންދޫއަށް އައިސް ހޯދުމަށް ޓަކައި ހއ ގެ އިތުރުން ހދ އަދި ށ އަތޮޅުގެ މަސްވެރިންވެސް އެރަށަށް ދާން ޖެހެއެވެ.
ހއ އިހަވަންދޫގައި ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުގެ ކެޕޭސިޓީ އިތުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެކެވެ.
އިހަވަންދު އަކީ އުތުރުގައި ފާހަގަކޮށްލެވޭ މަސްވެރި ރަށެކެވެ. ޚާއްޞަކޮށް ބޮޑު ކަންނަލީގެ މަސްވެރިކަން ކުރާ ގިނަ ދޯނި ފަހަރު އިހަވަންދޫގައި އޮވެއެވެ. މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް އަޑުއިވެމުންދާ ޝަކުވާއެކެވެ.
އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް 8 މިލިއަން ދިވެހި ރުފިޔާ މިދިޔަ ޖޫންމަހުގެ ތެރޭގައި ކަނޑައަޅާފައިވާކަމަށް ފޮރިން މިނިސްޓްރީންވަނީކުރިން ހާމަކުރައްވާފައެވެ.