ޖިއްދާގެ ބޭރުން ރަތް ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އީރާނުގެ ތެޔޮޓޭންކަރު ސަބިޓީއަށް ދިން ޙަމަލާއާ ސަޢުދީ ޢަރަބިއްޔާއާ އެއްވެސް ގުޅުމެއްނެތްކަމަށް އެ ޤައުމުން ބުނެފިއެވެ.
ސަޢުދީ ޚާރިޖީވަޒީރު ޢާދިލް ޢަލްޖުބައިރު ވިދާޅުވީ އެއްވެސް ޤައުމަކަށް އަދި އެއްވެސް އުޅަނދަކަށް ޙަމމަލާދިނުންފަދަ ޢަމަލެއް ސަޢުދީން ނުހިންގާކަމަށް.
އެއީ އެއްވެސް އިރެއްގައި ސަޢުދީގެ ސުލޫކު ނޫންކަމަށް ޖުބައިރު ވިދާޅުވިއެވެ.
އީރާނުގެ ތެޔޮޓޭންކަރު ސަބިޓީއަށް ޙަމަލާދީފައިވަނީ ޖިއްދާގެ 60 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށްކަމަށާ އެ ޓޭންކަރަށް ދިނީ މިސައިލް ޙަމަލާއެއްކަމަށް ބެލެވޭކަމަށް އީރާނުން ބުނެފައިވެއެވެ. ނަމަވެސް އެ ޙަމަލާގެ އެއްވެސް ތުޙުމަތެއް އީރާނުން ސަޢުދީގެ މައްޗަށް ކޮށްފައެއްނުވެއެވެ. އީރާނުގެ މަސްޢޫލުވެރިއަކުވަނީ ސަބިޓީއަށް ޙަމަލާދިނީ ސަޢުދީކަމަށް ބުނާ ރިޕޯޓުތައް ދޮގުކުރައްވާފައެވެ.
އީރާނުގެ މަސްޢޫލުވެރިއަކާ ޙަވާލާދީ އެ ޤައުމުގެ ރަސްމީ ޓީވީން ބުނެފައިވަނީ ސަބިޓީއަށް ޙަމަލާދިނީ ސަޢުދީކަމަށް ނުބެލެވޭކަމަށާ ނަމަވެސް އެ ޙަމަލާގެ ތަޙްޤީޤްތައް ކުރަމުންގެންދާކަމަށެވެ.