ޚަބަރު

އައްޑޫ ސިޓީގެ ހާލަތު ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ އެ ސިޓީއަށް ވަޑައިގެންފި


އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވައި ލެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެސިޓީއަށް ވަޑައިގެންފިއެވެ.

އައްޑޫ ސިޓީއަށް މިނިސްޓަރ ވަޑައިގެންފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އައްޑޫ ސިޓީއަށް ވަޑައިގެން މިނިސްޓަރ މިހާރު ގެންދަވަނީ ގެއްލުންވި ގެތަކަށް ޒިޔާރަތްކުރައްވާ އައްޑޫ ސިޓީގެ އާންމު ހާލަތު ބައްލަވަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިދިޔަ ދެދުވަސް ތެރޭ އައްޑޫ ސިޓީއަށް ވަނީ ވަރަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މުޢައްސަސާތަކާއި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮއްދިނުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް 7 ގެއެއްގެ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ގާތުން ބަލަމުން ދާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ އައްޑޫ ސިޓީގެ ހާލަތު ބައްލަވާލައްވާފައެވެ.