ޚަބަރު

އީރާނުގެ ތެޔޮޓޭންކަރަށް ދީފައިވަނީ ފިނޑި ޙަމަލާއެއް: އީރާން


ސަޢުދީ ޢަރަބިއްޔާގެ ޖިއްދާއާ 60 މޭލުގެ ބޭރުން ރަތް ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް އީރާނުގެ ތެޔޮޓޭންކަރަށް ދީފައިވަނީ ފިނޑި ޙަމަލާއެއް ކަމަށް އީރާނުން ބުނެފިއެވެ.

އީރާނު ސަރުކާރުގެ ތަރުޖަމާން އަލީ ރުބަޢީ ވިދާޅުވީ އީރާނުގެ ޓޭންކަރަށް އަމާޒުވީ މިސައިލް ޙަމަލާއެއްކަމަށް ބެލެވޭކަމަށާ، އެއީ ކޮންފަރާތަކުން ދިން ޙަމަލާއެއްކަން ބެލުމުގެ ތަޙްޤީޤުތައް ކުރިޔަށްދާކަމަށެވެ. ތަޙްޤީޤަށްފަހު އޭގެ ނަތީޖާ ހާމަކުރާނެކަމަށާ ނަތީޖާއަށްފަހު އެ ޙަމަލާއަށް ރައްދުދޭންޖެހޭ ފަރާތަށް ރައްދުދޭނެކަމަށް ރުބަޢީ ވިދާޅުވިއެވެ.

ޙަމަލާ އެރި ޓޭންކަރުގެ ފަޅުވެރިންގެ ޙާލު ރަނގަޅުކަމަށް އީރާނުން ބުނެފައިވާއިރު، ލިބުނު ގެއްލުމުގެ ސަބަބުން ކަނޑަށް ތެޔޮ ލީކުވަމުންދާކަމަށާ އެ ޓޭންކަރު މިހާރު މިސްރާބުޖަހާފައިވަނީ އީރާނަށްކަމަށް އޭގެ ފަޅުވެރިންނާ ޙަވާލާދީ އީރާނުގެ ރަސްމީ ނޫސް އެޖެންސީން ބުނެފައިވެއެވެ.

ސަބިޓީ ނަމަކަށްކިޔާ އީރާނުގެ ޓޭންކަރަށް ހުކުރު ދުވަހު ޖިއްދާ ކައިރިން ޙަމަލާ ދީފައިމިވަނީ ސަޢުދީން އީރާނާ ސުލްޙަވާން ބޭނުންވާކަން ޕާކިސްތާނާއި ޢިރާޤުގެ ބޮޑުވަޒީރުން ހާމަކުރެއްވުމާއެކު، އީރާނާއި ސަޢުދީއަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާކަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިޢުލާނުކުރައްވާފައި ވަނިކޮށެވެ.