ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް


  • ހުޅުމާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހުނު

  • އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވުނީ ހދ. ކުޅުދުއްފުއްޓަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުމާލެއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި މި ހަފްތާ ބަންދުގައި މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑްކުރަމުންނެވެ. އެ އިދާރާއިން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުމާލެއަށްކަމަށެވެ. އެއީ 84.2 މިލިމީޓަރުގެ ވާރޭއެވެ.

2ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކަނީ ބ. ދަރަވަންދޫއަށެވެ. އެއީ 83.5 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހިތަދޫއަށެވެ. އެއީ 70.6 މިލިމީޓަރުގެ ވާރޭއެވެ.

އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިތަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ 6.6 މިލިމީޓަރުގެ ވާރޭއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވައިގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖް އަދި ހައިވޭގައި އުޅަނދު ދުއްވާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބާރު ސްޕީޑްގައި ނުދުއްވުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.