ޚަބަރު

އދގެ މުވައްޒަފުންނަށް އަންނަ މަހު މުސާރަ ދެވޭވަރަށް ފައިސާ ނުހުންނާނެ: ގުތެރޭޝް


އދގެ މެންބަރު ޤައުމުތަކުން ދައްކަންޖެހޭ ޗަންދާ ނުދައްކާނަމަ އދގެ މުވައްޒަފުންގެ އަންނަ މަހުގެ މުސާރަ ދެވޭވަރަށް ފައިސާ ނުހުންނާނެކަމަށް ސެކްރެޓަރީ ޖެނެރަލް އަންތޯނިއޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ.

އދގެ މެންބަރުންގެ ގޮތުގައި ތިބި ސަތޭކަ ނުވަދިހަ ތިން ޤައުމު ހިމެނޭ އާއްމު ޖަމުޢިއްޔާގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގުތެރޭޝް ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ހިމެނޭގޮތަށް އދގެ ޢާއްމު ޖަމުއިއްޔާގެ މިއަހަރުގެ ބައްދަލުވުންތައް އިންތިޒާމުކުރުމަށް ބޭނުންވާ ފައިސާ ހޯދީވެސް މިއަހަރުގެ ޖަނަވަރީން ފެށިގެން އެކަމަށް ޚާއްސަކޮށްގެން އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. އެހެންނޫންނަމަ ޢާއްމު ޖަމުޢިއްޔާގެ ބައްދަލުވުންތައް ފުޅާދާއިރާއެއްގައި ކުރިޔަށް ނުގެންދެވުނީސްކަމަށް ގުތެރޭޝް ވިދާޅުވިއެވެ. ގުތެރޭޝް ވިދާޅުވީ އދ މިހާރުވަނީ ފައިސާގެ ވަރަށްބޮޑު ދަތިކަމެއްގެ ތެރޭގައިކަމަށާ ފާއިތުވި 10 އަހަރު ތެރޭގައިވެސް ފައިސާގެ ގޮތުން ދަތިނުވާވަރަށް މިހާރު ދަތިވެފައިވާކަމަށެވެ.

މިގޮތަށް ދިމާވީ މެންބަރު ޤައުމުތަކުން ދައްކަންޖެހޭ ޗަންދާ ދެއްކުން ފަސްކުރުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ގުތެރޭޝް ވިދާޅުވިއެވެ. މުވައްޒަފުންނަށް މުސާރަ ދިނުންފަދަ ކަންކަމަށް ދެހާސް ނަވާރަވަނަ އަހަރު އދން ކަނޑައަޅާފައިވަނީ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއްކަމަށްވާއިރު މީގެތެރެއިން ބާވީސް އިންސައްތަ ޙިއްސާކުރަނީ އެމެރިކާއިންނެވެ.

އެމެރިކާއިން އދއަށް ދައްކަންޖެހޭ ޗަންދާ ލަސްވެފައިވާއިރު އެ ފައިސާ ދައްކާނެ ތާރީޚެއް އަދިވެސް އެމެރިކާ ސަރުކާރުން އަންގާފައިނުވާކަމަށް މަޢުލޫމާތު ލިބެއެވެ.