ޚަބަރު

އައްޑޫގެ 280އަށްވުރެ ގިނަ ގޭގެއަށް ފެން ވަދެފައިވޭ - ސިޓީ ކައުންސިލް


އައްޑޫ ސިޓީ އަށް ކުރި ވިއްސާރައިގައި 280އަށް ވުރެ ގިނަ ގޭގެއަށް ފެން ވަދެފައިވާ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވައިފިއެވެ.

އައްޑޫސިޓީއަށް ހުކުރުދުވަހު ރެއިން ފެށިގެން ކުރި ވިއްސާރައިގައި ގިނަ ޢަދަދެއްގެ ގެތަކަށް ފެންވަދެ ބައެއް ގެތަކުން މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކުރަންޖެހިފައެވެ. އައްޑޫ ސިޓީ ކައުންސިލުން ޕީއެސްއެމް ނިއުސްއާ ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު 286 ގެއަކަށް ފެންވަދެ ގެއްލުން ވެގެން ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން ނިސްބަތުން އެންމެބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދޫ އަވަށަށެވެ. އެގޮތުން ފޭދޫ 128 ގެއަކުން ފެންވަދެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެތެރެއިން 1 ގޭގެ މީހުން ވަގުތީ ހިޔާއަށް ބަދަލު ކޮއްފައިވާއިރު 40 ގެއެއްގައި ނޫޅެވޭވަރު ވަނީ ވެފައެވެ.

އެހެން އަވައްތަކަށް ބަލާއިރު ހިތަދޫގެ 52 ގެއަށް ވަނީ ފެން ވަދެފައެވެ. އޭގެ ތެރެއިން 4 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ވަނީ ބަދަލުކޮށްފައެވެ. މަރަދޫގެ 24 ގެއަކަށް ފެންވަދެ ގެއްލުން ވެފައި ވާއިރު 5 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތައްވެފައެވެ. މަރަދޫ-ފޭދޫ އަވަށުން 7 ގެއަކަށް ފެންވަދެ ދެ ގެއަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. ހުޅުމީދޫގެ ހުޅުދޫ އަދި މީދޫ އަވަށުން 75 ގެއަކަށް ފެންވަދެ 7 ގެއަކަށް ބޮޑެތި ގެއްލުން ވަނީ ލިބިފައެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ ގެތަކަށް ފެންވަދެ ގިނައި ގެއްލުން ވެފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށް ކަމަށެވެ. ބައެއް ގެތަކުގައި ކަކުލާ ހަމަޔަށް ފެން ބޮޑުވެގެން ދިޔައިރު ގޭގެ ފަރުނީޗަރުތަށް ހަލާކުވެ އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.

ސިޓީ ކައުންސިލާއި ކަމާއި ބެހޭ މުޢައްސަސާތަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮއްދިނުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މިއަދުވެސް ބައެއް ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.