ޚަބަރު

ސަލާމަތީ ބާރުތަކާއި ބައްދަލުކުރާ ކޮމިޓީ ސިއްރުކޮށްފި


ފުލުހުންގެ ޤާނޫނަށް އިސްލާހުގެނައުމަށް ސަލާމަތީ ބާރުތަކާއި ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް ކޮމިޓީ ސިއްރުކޮށްފިއެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ އިސްލާޙުތަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލަމަތާއި ޚާރިޖީ ގުޅުންތަކާގުޅޭ ކޮމިޓީން އެކުލަވާލާފައިވާ ސަބްކޮމިޓީން މިއަދު ބޭއްވަން ހަމަޖެހިފައިވާ ބައްދަލުވުންތައް ސިއްރުކަމަށް ވަނީ ކަނޑައަޅާފައެވެ. ކޮމިޓީ ޗެއާކުރެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ ކޮމިޓީގައި ސަލާމަތީ ބާރުތަކުންނާއި ކަމާގުޅުންހުރި މުއައްއަސަސާތަކުން މީޑިޔާތަކަށް އަދި ހާމަކުރަންނުޖެހޭ މަޢުލޫމާތުތަކެއް ހުރުމުން މިއަދުގެ ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރުމަށް ނިންމާފައިވާކަމަށެވެ.

މިއަދު ކޮމިޓީއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ހޯމް މިނިސްޓްރީއާއި، ކަރެކްޝަގެ ބޭފުޅުންނާއި، ސިފައިންނާއި، ޕީޖީ އޮފީހާއި، އެޗްއާރުސީއެމްއާއި، އެންއައިސީގެ އިތުރުން އެލްޖީއޭ. ފުލުހުންގެ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ޑްރާފްޓްގެ ކޮމިޓީ މަރުހަލާގެ މަސައްކަތް ކުރިއަށްދާއިރު ފުލުހުންނަށް ބޮޑެތި ބާރުތައް ލިބިދޭގޮތަށް ދާދިފަހުންވަނީ ޓެރަރިޒަމްގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމެވެ. މި ޤާނޫނުގެ ދަށުން ފުލުހުންނަށް ކޯޓް އަމުރަކާއި ނުލައި، ތަންތަން ބަލައި ފާސްކުރުމާއި، މިނޫންވެސް ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.