ޚަބަރު

ކަނޑުގެ ދިރުންތައް އާލާކޮށް އެއިން ޢާމްދަނީ ހޯދުމަކީ އަމާޒެއް – މިނިސްޓަރ ޒަހާ


މެރިކަލްޗަރ ނުވަތަ ކަނޑުގެ ދިރުންތައް ދިރުވައި އާލާކޮށް، އެކަމުން ރަށްޔިތުންނަށް އާމްދަނީ ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބާއްވާ ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވޯކްޝޮޕް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިޕްރޮޖެކްޓްގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެއާއެކު މެރިކަލްޗަރ ދިރުވައި އާލާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވޮލޮޕްމަންޓް އިފާޑްގެ ލޯނު އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީއޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދާ މި ވޯކްޝޮޕަކީ އެއްދުވަހުގެ މުއްދަތައް ކުރިއަށްދާ ވޯކްޝޮޕެކެވެ. މާގިރި ހޮޓެލްގައި ކުރިއަށްދާ މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ދިވެހި ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފްކޮށް ތަރައްގީކުރުމަށް މަގުފަހުކުރުން ކަމަަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮޖެކްޓް ކޮމްޕްލީޝަން ރިވިއު ވޯކްޝޮޕްގެ މަގުސަދަކީ މެރިކަލްޗަރ އެންޓަރ ޕްރައިސަސް ޑިވަލޮޕްމަންޓް ޕްރޮޖަކްޓްގައި ވޭތުވެދިޔަ އަހަރު ތެރޭގައި އިމްޕްލިމެންޓް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުންކަމަށާއި މި ޕްރޮޖަކްޓް އިމްޕިލިމަންޓް ކުރުމަށް ދިމާވި ގޮންޖެހުންތަކާއި ހާސިލްވި ފިލާވަޅުތައް ބައިވެރިންނާ ޙިއްސާ ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ 28 ބައިވެރިންނާއިއެކު ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިކުރަން އިސްކަން ދީފައިވާނީ މެރިކަލްޗަރ ސިނާއަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ ބޭފުޅުންނާއި ޕްރޮޖަކްޓް ހިންގާފައިވާ ލ.އިސްދޫ، ކަލައިދޫ، އަދި ދަނބިދޫގެ ކައުންސިލްގެ ބޭފުޅުންނާއި ހުއިފިލަނޑާގެ މަސައްކަތް ކުރާ ބޭފުޅުންނަށް ކަމަށެވެ.