ޚަބަރު

ފޮރިން ސަރވިސްގެ ބިލާއި ގުޅޭގޮތުން މިނިސްޓްރީގެ ވެރިންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާ ކުރައްވައިފި


ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވެވި މި ބައްދަލުވުމުގައި މިހާރު ޑްރާފްޓްކޮށްފައިވާ ފޮރިން ސަރވިސްގެ ބިލާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ބެހޭ ގޮތުން މިނިސްޓަރަށްވަނީ ލަފާ އަރުވާފައެވެ.

ފޮރިން ސަރވިސްގެ ޤާނޫނެއް އެކުލަވާލައި، ދައުލަތުގެ ވަކި ސަރވިސްއެއްގެ ގޮތުގައި ފޮރިން ސަރވިސް އޮތުމުގެ ބޭނުމަކީ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި އޮންނަފަދަ ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އެކުލަވާލައި، ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ޤާބިލް ބަޔަކަށް ހެދުމެވެ. އަދި ޚާރިޖީ ސިޔާސަތު މެދުވެރިކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގަޔާއި، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިހްތިރާމްކުރުން އިތުރުކުރުމުގެ މަސައްކަތަށް، ވަކިން އުފެދިފައިވާ ފޮރިން ސަރވިސްއެއް އޮތުންކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އެކުލަވާލުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަލްމަރްޙޫމް އަލްއުސްތާޛް ފަތުހުﷲ ޖަމީލް 1990 ވަނަ އަހަރު ފެއްޓެވި މަސައްކަތްޕުޅެކެވެ. އަދި އޭގެ ފަހުން، އެކި ސަރުކާރުތަކުން އެކި ފަހަރުމަތިން ފޮރިން ސަރވިސް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.