ޚަބަރު

25 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި


ދިވެހިރާއްޖޭގެ ޞިއްޙީދާއިރާގެ ޚިދުމަތްތައް ތަރައްޤީކުރުމަށާއި، ސަރުކާރުގެ ޞިއްޙީދާއިރާގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސާވިސް" ތަޢާރަފްކުރުމަށްޓަކައި 25 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ ސިޔާސަތުގެ ދަށުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި 25 ރަށަކަށް އެމްބިއުލާންސް ވަނީ ޙަވާލުކޮށްފައެވެ. މި 25 ރަށުގެ ތެރޭގައި އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ޚިދުމަތް ކުރިން ލިބިފައިނުވާ 4 ރަށް ކަމަށްވާ ބ.ފޮޅަދޫ އާއި ބ.ފެންދޫގެ އިތުރުން ބ.ކިހާދޫވެސް ހިމެނެއެވެ. މީގެ އިތުރުން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއްވެސް މިރަސްމިއްޔާތުގައި ވަނީ އިޢުލާންކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ސިޔާސަތާއެކު ބޮޑު ބަދަލެއް ސިއްޙީ ދާއިރާއަށް ގެނެވޭނެ ކަމާމެދު ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ރަށްރަށުގައި ފޯރުކޮށްދޭ އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިފަދަ ޚިދުމަތްތަކަކީ ހަމައެކަނި ފެށުމަށްފަހު އަޅާނުލާ ދޫކޮށްލެވޭ ޚިދުމަތްތަކަކަށް ސަރުކާރުން ނުހަދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް އެކަށޭނެ ގޮތެއްގައި ފޯރުކޯށްދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ޙަވާލްކުރެވުނު އެމްބިއުލާންސްތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ހަވާލުކުރެވުނު އެމްބިއުލާންސްގެ ތެރޭގައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 21 ޕެރަމެޑިކް އެމްބިއުލާންސްވެސް ހިމެނެއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ޙަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ކެއިކޯ ޔަނާއީއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެނެނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ.