މިދިޔަ ހަފުތާގައި އެކުއެޑޯގައި ކުރި މުޒާހަރާތަކުގައި ކޮލަންބިއާގެ ފާކް ޖަމާޢަތުގެ ބާޣީންނާއި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ފޮނުއްވި ވެނެޒުއެލާ ރައްޔިތުންވެސް ބައިވެރިވެފައިވާކަމަށް ރައީސް ލެނިން މޮރޭނޯ ވިދާޅުވެއްޖެއެވެ.
ކޮލަންބިއާގެ އާރުސީއެން ޓީވީ ނެޓްވަރކަށް ދެއްވި ބަސްދީގަތުމެއްގައި މޮރޭނޯ ވިދާޅުވީ ކޮލަންބިއާގެ ބާޣީ ޖަމާޢަތްކަމަށްވާ ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަންބިއާ ނުވަތަ ފާކް ޖަމާޢަތުގެ މީހުން ބައިވެރިވިކަމުގެ ހެކި ލިބިފައިވާކަމަށެވެ. އަދި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ފޮނުއްވި އޭނާއަށް ތާޢީދުކުރާ މީހުންވެސް އެ މުޒާހަރާތަކުގައި ބައިވެރިވެފައިވާކަމަކީ ޝައްނެތް އޮތްކަމެއް ނޫންކަމަށް މޮރޭނޯ ވިދާޅުވިއެވެ.
މިދިޔަ ހަފުތާގައި އެކުއެޑޯގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި ތެލުގެ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، ވެރިރަށް ކުއިޓޯގައިވާ މަޖިލީސް އިމާރާތާއި ފުލުހުންގެ މަރުކަޒުތަކާއި ބައެއް ކާރުޚާނާތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއްވަނީ ދީފައެވެ. އެކުއެޑޯގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާތައްފެށީ ރައީސް ލެނިން މޮރޭނޯގެ ސަރުކާރުން ތެލުގެ އަގު ބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ.
ތެލުގެ އަގު ބޮޑުވުމުން ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށްބުނެ، މުޒާހަރާތައް އަދިވެސް ކުރިޔަށްގެންދާނެކަމުގެ އިންޒާރު އެކްޓިވިސްޓުންވަނީ ދީފައެވެ.