ޚަބަރު

ޗައިނާގެ ޕްރިމިއަރގެ ނާއިބު ލިޔު ހީ އެމެރިކާގެ ޗެމްބަރ އޮފް ކޮމަރސްއަށް ޒިޔާރަތްކުރައްވައިފި


ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިޔަށްދާ ވިޔަފާރީގެ މަޝްވަރާތަކަށް ދެ ދުވަސްވެފައިވާއިރު ޗައިނާގެ ޕްރިމިއަރގެ ނާއިބު ލިޔު ހީ އެމެރިކާގެ ޗެމްބަރ އޮފް ކޮމަރސްއަށް ޒިޔާރަތްކުރައްވައިފިއެވެ. އެމެރިކާގެ ޗެމްބަރ އޮފް ކޮމަރސްގެ އިމާރާތުން ލިޔު ހީއަށް މަރްޙަބާ ވިދާޅުވީ އެމެރިކާގެ މާލީ ވަޒީރު ސްޓީވް ނިއުޗިންއާއި ވިޔަފާރިއާބެހޭ އެމެރިކާގެ މަންދޫބު ރޮބަޓް ލައިތީޒާއެވެ.

މިދިޔަ ހަފުތާގައި ފެށި ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތަކުގައި މިހާތަނަށް މައިގަނޑު ގޮތެއްގައި ކުރިއެރުން ލިބިފައިވަނީ ދެ ޤައުމުގެ ފައިސާއާ ގުޅިފައިވާ މައްސަލަތަކަށެވެ. މިކަމުގައި އެއްބަސްވުމަކާ ހަމައަށް ދެ ޤައުމުން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ޗައިނާގެ ވިޔަފާރީގެ މުޢާމަލާތުތަކުގައި އެ ޤައުމުގެ ފައިސާ ބޭނުންކުރަމުންދާ މައްސަލަ އެމެރިކާއަށް ބޮޑުވެފައިވާއިރު މި މައްސަލައިގައި އެ ދެ ޤައުމުން އެއްބަސްވާ އެއްބަސްވުމުގެ އަސާސްތަކާ ގުޅޭ މާބޮޑު މަޢުލޫމާތެއް ލިބިފައެއްނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިޔަށްދާ އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ވާހަކަތަކަކީ މިދިޔަ ޖުލައިމަހަށްފަހު ދެ ޤައުމުގެ މެދުގައި މަތީފެންވަރުގައި ކުރިޔަށްދާ ފުރަތަމަ ވާހަކަތަކެވެ.

ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދީ ދެ ބާރުކަމަށްވާ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތައް ވިޔަފާރީގެ ހަނގުރާމައަކަށް ބަދަލުވެގެންދިޔައީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ ގިނަ އުފެއްދުންތަކުން ނަގާ ޓެރިފް ބޮޑުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ. މި މައްސަލައިގައި ޗައިނާވެސްވަނީ އެމެރިކާގެ ބައެއް އުފެއްދުންތަކާ ދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އަޅާފައެވެ.