ބްރެކްސިޓްގެ މައްސަލައިގައި ވިލާތުގެ އިއްތިޙާދާއެކު ދައްކަމުންގެންދާ ވާހަކަތަކާ ގުޅޭގޮތުން އަބަދު ފާޑުކިޔަން ބޭނުންނުވާކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ސައުތް ބަކިންހަމްޝިއަރގެ މަދުރަސާއަކަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަދައްކަވަމުން ޖޮންސަން ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންނެވީ ބްރެކްސިޓްގެ މައްސަލައިގައި ކުރިން އޭނާ ދެއްވާފައިވާ ބަޔާންތަކުގެ އަލީގައި ނޫސްވެރިންނަށް ފެންނަ އެއްޗެއް އެމީހުން އަމިއްލައަށް ނެރުމަށެވެ. ބުރާސްފަތި ދުވަހު ޖޮންސަންވަނީ ޗޭޝާގައި އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާއާ ބައްދަލުކުރައްވާފައެވެ. މިއީ، އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުން ނުވަތަ ބްރެކްސިޓްގެ ކަންތައް ލުއިގޮތަކަށް ގެންދިޔުމަށާއި އެކަން އިތުރަށް ލަސްވިޔަ ނުދިނުމަށް ޖޮންސަން އަޅުއްވަމުންގެންދަވާ އެންމެ ފަހުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ބްރެކްސިޓްގެ މައްސަލައިގައި އިނގިރޭސި މަޖިލީހުގެ އަޣްލަބިއްޔަތު ޖޮންސަންއަށް ވަނީ ގެއްލިފައެވެ. އެހެންކަމުން އެކަމުގައި ވިލާތުގެ އިއްތިޙާދާއެކު ރަގަނޅު އެއްބަސްވުމަކަށް އައުމަށް އަޔަލޭންޑްގެ ސަރަޙައްދީ ރޮނގުގެ މައްސަލަ ވިސްނުންތެރިކަމާއެކު ޙައްލުކުރުން ޖޮންސަންއަށްވަނީ މުހިއްމުކަމަކަށް ވެފައެވެ.