ޚަބަރު

އެންމެ ފަރާތަކުން ބީލަމަށް ކުރިމަތިލިޔަސް ބީލަން ކާމިޔާބުކުރެވޭ ގޮތަށް ޤަވާއިދު އިސްލާހުކުރަނީ


ސަރުކާރު އޮފީސްތަކުން ހުޅުވާލާ ބީލަންތަކުގައި އެންމެ ފަރާތަކުން ކުރިމަތިލިޔަސް، މަސައްކަތަަށް ޤާބިލްނަމަ އެފަރާތަކަށް ބީލަން ކާމިޔާބުކުރެވޭ ގޮތަށް މާލިއްޔަތު ޤަވާއިދު އިސްލާހުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމެންޓް އެގްޒެކްޓިވް އަޙްމަދު މުޖުތަބާ ވިދާޅުވީ މާލިއްޔަތު ޤަވާއިދު މިހާރު އޮތް ގޮތުން އަތޮޅު ތެރޭގައި ހުންނަ ދައުލަތުގެ އޮފީސްތަކަށް އެކި އެކި މަސައްކަތްތައް ނިންމުމަށް ދަތިތަކެއް ކުރިމަތިވެ، ލަސްވަމުންދާކަމަށެވެ. އެގޮތުން ބީލަމަށް ހުޅުވާލާ މަސައްކަތްތަކަށް 3 ބިޑު ހުށަހަޅަންޖެހޭކަމަށް ޤަވާއިދުގައި އޮތުމުން، 3 ބިޑު ހަމަވަންދެން ބީލަމުގެ މަރުހަލާ ކުރިއަށްގެންދަންޖެހޭކަމަށެވެ. އަދި މިހެން މިކަން އޮތުމުން ބައެއް ފަހަރު އޮޅުވާލައިގެން އެއް ފަރާތަކުން 3 ބިޑު ހުށަހަޅާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ މާލިއްޔަތު ޤަވާއިދަށް ގެންނަން ސަރުކާރުން ނިންމާފައިވާ އެންމެ މުހިއްމު އެއް އިސްލާހަކީ ބިޑަށް ހުޅުވާލެވޭ މުއްދަތުގައި އެންމެ ފަރާތަކުން ކުރިމަތިލިޔަސް، އެފަރާތަކީ އެކަމަށް ޤާބިލް އަދި އެމަސައްކަތުގެ ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވާނަމަ އެފަރާތަކަށް ބިޑް އެވޯޑްކުރުމުގެ ބާރު އޮފީސްތަކަށް ދިނުންކަމަށެވެ. އަދި ރަށްރަށުގައި ހިންގާ ބައެއް ބިޑްތައް މިނިސްޓްރީން ވަކި ގޮތަކަށް ކަނޑައަޅާފައިވީނަމަވެސް ރަށްރަށުން އެބިޑްތަކަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގެ ފުރުސަތުވެސް މިއިސްލާހުގެ ސަަބަބުން އެ އޮފީސްތަކަށް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ މާލިއްޔަތު ޤަވާއިދަށް ހުށަހަޅާ މިއިސްލާހުތަކުގެ ސަބަބުން އެންމެބޮޑު ލުއިތަކެއް ލިބިގެންދާނީ އަތޮޅުތެރޭގެ އޮފީސްތަކަށް ކަމަށްވާއިރު، މިބަދަލުގެ ސަބަބުން، މިނިސްޓްރީންވެސް އަދި ރަށްރަށުގެ އޮފީސްތަކުންވެސް ކަނޑައަޅާ މުއްދަތަށް މަސައްކަތްތައް ނިންމުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށެވެ.

މުޖުތަބާ ވިދާޅުވީ މާލިއްޔާތު ޤަވާއިދަށް މިއިސްލާހުތައް ގެންނަ ނިންމީ، އަތޮޅުތަކަށް ކުރި ދަތުރުތަކުގައި ރަށްރަށުގެ އޮފީސްތަކުން ހުށަހެޅުނު ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުންކަމަށެވެ. އަދި މާލިއްޔަތު ޤަވާއިދަށް ގެންނަ ސަރުކާރުން ބޭނުންވާ އިސްލާހުތައް އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީން ނިންމައި، އެބަދަލުތައް އަންނަ ހަފްތާގެ ތެރޭގައި އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.