ޚަބަރު

މާލީ ބާރުވެރިކަން ނާޖާއިޒް ގޮތުގައި ބޭނުންކުރާ ކައުންސިލްތަކާމެދު ފިޔަވަޅު އެޅޭނެ - ނިޔާޒް


ކައުންސިލްތަކަށް މާލީގޮތުން ބޮޑެތި ބާރުތައް ދޫކުރާއިރު، އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާ ކައުންސިލްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުވެސް އެޅިގެންދާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ބޭނުންވާ މާލީ ތަނަވަސްކަމާއި، އެނޫންވެސް ބޮޑެތި ބާރުތައް ދޫކުރާގޮތަށް ސަރުކާރުން ކައުންސިލްތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރަނީ މާލެއަށް ބަރޯސާނުވެ ރަށުގެ ކަންކަން ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްކަމަށެވެ.

ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައިވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންޖެހޭނީ ލާމަރުކަޒީ އުސޫލުންކަމަށް ބުނެފައިވީނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ނުވަނީ ކައުންސިލްތަކުގައި މާލީ ތަނަވަސްކަމާއި، ވަސީލަތްތައް ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތައްދީ، ރަށްރަށުން ލިބޭ އާމްދަނީވެސް ކައުންސިލްތަކަށް ލިބޭގޮތަށް ޤާނޫނަށް ގެންނަ ބަދަލުތަކަކީ އެއްވެސް ހާލެއްގައި ވައްކަމާއި ފަސާދަ ހިންގުމަށް ދޫކުރެވޭ ކަންކަމަށް ނުވާނެކަމަށް ނިޔާޒު ވިދާޅުވިއެވެ. ކައުންސިލްތަކަށް ބާރުތައް ދޫކުރާއިރު، މިކަންކަން ބެލޭނެ އިންތިޒާމުތަކާއި، ފައިސާ ޚަރަދުކުރާ ގޮތް ބަލައި، ގޯސްކޮށް އަމަލުކުރާ ކައުންސިލްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅޭނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގާތާ 8 އަހަރު ދުވަސް ވެގެން ގޮސްފައިވާއިރުވެސް ކައުންސިލްތައް ހިންގުމުގައި ދިމާވި އެންމެ ބޮޑު މައްސަލަޔަކީ މާލީ ގޮތުން ހުރި ގޮންޖެހުންކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. ކައުންސިލްތަކުން ދެމުންދާ ޙިދުމަތްތަކުގެ ތެރެއިން ރައްވެރި ތަރައްޤީއަކީ އެންމެ އަސާސީ ޙިދުމަތްތައް ކަމަށްވާއިރު މިކަމަށްވެސް އަންނަ އަހަރުގެ ބަޖެޓްގައި 1.8 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ޙާއްސަ ކުރެވިގެންދާނެއެވެ.

މީގެ އިތުރުން ރަށްރަށުން މައި ސަރުކާރަށް ލިބެމުންދާ މުނިސިޕަލް ފީތަކަކީ ސީދާ ކައުންސިލްތަކަށް ލިބޭ ފީތަކަކަށް ހެދުމަށްވެސް ނިންމާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. އެގޮތުން ސައިކަލާއި، ޕިކަޕާއި، މިނޫންވެސް އެކި އެކި އުޅަދުތަކުން ނެގޭ ފީތައް ސީދާ ކައުންސިލް އިދާރާއަށް ޖަމާވާގޮތަށް ބަދަލު ގެނެވިގެންދާނެކަމަށް އޭނާ ވިދާޅުއެވެ.

ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކޮށް މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ގޮތަށް ކަނޑައަޅާ ޤާނޫނު އަސާސީ އާއި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް އެކުލަވާލާފައިވާ ބިލްތައް އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ މިދިޔަ ހަފްތާގައި ރައީސް އޮފީހަށް ހުށަހަޅާފައެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދޫކޮށްލުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ޤާނޫނުއަސާސީގެ އަށްވަނަ ބާބަށް 3 އިސްލާހެއް ހުށައަޅާފައިވާއިރު، ލާމަރުކަޒީ ޤާނޫނަށް 10 އިސްލާހެއް ވަނީ ހުށަހައަޅާފައެވެ.