ކުޅިވަރު

10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކޮލިފައިން މެޗަކުން އިނގިރޭސިން ބަލިވެއްޖެ


10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކޮލިފައިން މެޗަކުން އިނގިރޭސިން ބަލިވެއްޖެއެވެ.

އެ ޤައުމު ރޭ ބަލިވީ ޗެކް ރިޕަބްލިކް އަތުން 2-1 އިންނެވެ. އިންގްލެންޑަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ހެރީކޭން ލަނޑު ޖަހާފައިވަނިކޮށް ޗެލް ރިޕަބްލިކް މޮޅުވީ ބާބެޑް އާއި އޮންޑްރަސެކް ޖެހި ގޯލުތަކުންނެވެ.

މިއީ ފާއިތުވެދިޔަ 10 އަހަރުތެރޭގައި އިނގިރޭސިން ބަލިވި ފުރަތަމަ މެޗެވެ. އެކަމަކު ރޭގެ މެޗުން މޮޅުވިނަމަ އިނގިރޭސިން އަންނަ އަހަރު އޮންނަ ޔޫރޯ އަށް ކޮލިފައިވާނެއެވެ.

މިހާރު ޗެކް ރިޕަބްލިކާއި އިނގިރޭސީންނަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން އެއްވަނާގައިވަނީ އިނގިރޭސިންނެވެ.

މެޗަށް ފަހު އިނގިރޭސި ކޯޗު ގެރެތް ސައުތް ގޭޓް ބުނީ މީގެ ކުރީ މެޗުތަކުގައި އިނގިރޭސިން ދެއްކި ކުޅުމާ ގާތަށް ވެސް ރޭ ނުކުޅެވުނު ކަމަށެވެ.

"ވަރަށް ގޯސްކޮށް ދިޔަ މެޗެއް މިއީ. އެމީހުން ދިޔައީ އަހަރުމެން ހެދި ގޯސްތަކުގެ ފައިދާ ނަގަމުން. ހާއްސަކޮށް ފުރަތަމަ ހާފުގައި. ދެ ވަނަ ހާފަށް އަހަރުމެން ނުކުރީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން. މިއާއެކު ކުޅުން ރަނގަޅުވެގެންދިޔަ،" މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ އިނގިރޭސީންނަށް ހޯދައިދިން ކޯޗު ބުންޏެވެ.

މެޗަށް ފަހު އިނގިރޭސި ކެޕްޓަން ހެރީކޭން ވެސް ބުނީ މިއީ މޮޅުވާން ޖެހޭނެ މެޗެއް ކަމަށާއި ނަމަވެސް އޭނާގެ ޓީމަށް ކުޅެވުނީ ވަރަށް ދަށްކޮށް ކަމަށެވެ.

"އަހަރުމެން ހީވެސް ނުކުރާހާ ދަށްކޮށް ކުޅެވުނު މެޗެއް މިއީ. ދެން ކުރިއަށް އޮތް މެޗުގައު ކުޅުން ރަނގަޅު ކުރަންޖެހޭ. އަހަރެން އުއްމީދު ކުރަނީ އެކަންވާނެ ކަމަށް،" ކޭން ބުންޏެވެ.