ޚަބަރު

އިރުޝާދިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިނާ ރަޝީދު


އިރުޝާދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު އާމިނަތު އިނާ އަހުމަދު ރަޝީދު ހޯދައިފިއެވެ.
އާމިނަތު އިނާ އަހުމަދު ރަޝީދު، ވަނީ އެސްކޫލް ޓޮޕް 10ގެ އެއްވަނަ ދަރަޖަ އިގައި ހިމެނުމުގެ އިތުރަށް އޯލެވެލް އިން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނައިގައި ވެސް ހިމެނިފައެވެ.

އައްޑޫސިޓީ މަރަދޫ އަދި މަރަދޫ ފޭދޫގެ ދަރިވަރުންނަށް ޚާއްސަކޮށް ސާނަވީ ތަޢުލީމު ދެމުންދާ އިރުޝާދިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ ބޭއްވިއިރު މިޖަލްސާގައި އެސްކޫލުގެ އެކި ގްރޭޑް 9 އަދި 10ގެ އެކި ވަނަ ތަކަށް ހޮވުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ. އިރުޝާދިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޙަފްލާ ޝަރަފުވެރިކޮއްދެއްވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއް ސައްތާރުއެވެ.

މިރަސްމީއްޔާތަށް ފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން އިނާ އަހުމަދު ރަޝީދު ބުނީ، މިފަދަ ނަތީޖާއެއް ހާސިލް ކުރެވުނީ، ވަރަށް ބުރަ މަސައްކަތް ކޮއްގެން ކަމަށެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުންގެ ބަސް އަހައި، ފިލާވަޅު އެންމެ ފަހު ވަގުތު ދަސްކުރުމަށް މަޑު ނުކުރުމަށް އޭނާ ވަނީ ދަރިވަރުންނަށް ނަސޭހަތްތެރި ވެފައެވެ.

މިސްކޫލުގެ އެންމެ މޮޅު ކެޑޭޓް ދަރިވަރަކަށް ހޮވިފައިވަނީ އައިޝަތު ފިނާ ޝަހްނީޒްއެވެ. އަދި ކިޔެވުމުން އެންމެ ރަންގަޅު ނަތީޖާއެއް ހޯދި ކެޑޭޓް ދަރިވަރަކަށް ހޮވިފައި ވަނީ، މަރިޔަމް ހިޔާ ރަޝީދުއެވެ.

މިސްކޫލުގެ އިނާމު ދިނުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން، އެމް އެން ޔޫ ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބުދުއްސައްތާރު ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް ކިޔަވައި ނިމިގެން ގުޅޭ އަދި ކިޔަވާ ހިތްވާ ދާއިރާއެއް ޚިޔާރު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އިރުޝާދިއްޔާ ސްކޫލަކީ ސާނަވީ ތަޢުލީމު ދެމުންދާ ސްކޫލެކެވެ. އެގޮތުން މިސްކޫލުގައި މިހާރު އާބާދީ އަކީ 105 ދަރިވަރުންނެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގެ މިސްކޫލުގެ ދަރިވަރުން ބައިވެރިވެ 80 އިންސައްތަ ކުދިން ވަނީ 5 މާއްދާއިން ފާސްވެފައެވެ. އަދި މީގެ ތެރެއިން 4 ކުދިން ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ.