ވިޔަފާރި

ވޯލްޑް ބޭންކުން ރާއްޖޭގެ ތަރައްޤީއާ ގުޅޭ އޮންލައިން ސަރވޭއެއް ފަށައިފި


ރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް، އެސްސީޑީ ހެދުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވޯލްޑް ބޭންކުން އޮންލައިން ސަރވޭއެއް ފަށައިފިއެވެ.

އެސްސީޑީއަކީ ވަކި ޤައުމަކަށް ޚާއްޞަކޮށް އެ ޤައުމެއްގެ ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއި ޢާންމު ފަރުދުންގެ ބައިވެރިވުމާ އެކު ވޯލްޑް ބޭންކްއިން އެކުލަވާލާ ރިޕޯޓެކެވެ. މިއީ ވޯލްޑް ބޭންކުން އެކި ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމުގައި ބަލާނެ އަސާސްކަމަށް އެ ބޭންކުން ބުނެއެވެ. އަދި މި ރިޕޯޓުގެ އެހީގައި ފަޤީރުކަން ނައްތާލުމާއި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި ވޯލްޑް ބޭންކުން އެހީވެދޭނެކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ މި ސާވޭގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މުހިއްމު މައްސަލަތަކާއި، ޤައުމުތަކުގައި ހުރި ފުރުޞަތުތައް އަދި މި ކަންކަން ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ދިވެހިންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެއެވެ. މި ސަރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 10 އަކުން ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިސަރވޭ ކުރިއަށްގެންދާނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ.

މި ސަރވޭއާއެކު ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް ޚާއްސަކޮށް ޓްވިޓަރ އެކައުންޓެއް ޤާއިމްކޮށްފައެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން މުޢާމަލާތް ކުރެވޭ މި ޕްލެޓްފޯމުގައި ވޯލްޑް ބޭންކުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހަމަޖެހިފައިވެއެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ ފުރަތަމަ 'އެސްސީޑީ' އެކުލަވާލާފައިވަނީ 2016 ވަނަ އަހަރުގައެވެ. މި ރިޕޯޓުގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ތަރައްޤީކުރެވޭނެ ގޮތްތަކާއި އޭރު ރާއްޖޭގެ ތަރައްޤީ ބައްޓަންކުރެވިފައިވާ ގޮތް ދެނެގަނެވިފައިވެއެވެ.