ޚަބަރު

ޖަގަލްކުރުމުން ރާއްޖޭގައި އަނެއްކާވެސް ރެކޯޑެއް ޤާއިމްކޮށްފި


ޖަގަލްކުރަމުން އެންމެ ގިނަ ސިޑިއަށް އެރުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖޭގައި އައު ކޮށްފިއެވެ.
މި ރެކޯޑު ޤާއިމްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ޖަގަލްކުރަމުން ދުވުމުން ދުނިޔޭގެ ރިކޯޑު ހޯދި މިކެލް ކެޕްރަލްއެވެ.

އޭނާ މިރެކޯޑު އާކޮށްފައިވަނީ މިއަދު ސަލްޓަން ޕާކުގައި މިކަމަށްޓަކައި ކުރިއަށްގެންދިޔަ ޙަރަކާތުގެ ތެރެއިން. ކެޕްރަލް ވަނީ 3 ބޯޅައާއެކު ޖަގަލްކުރަމުން ސަލްޓަން ޕާކުގެ ފެންއަރުވާ ވަޑާމުގެ ސިޑިބަރިން ތަކުރާރުކޮށް އަރައިގެން 2544 ހަރުފަތަށް އަރާފައެވެ. މިއީ ދުނިޔޭގެ ރެކޯޑު ޢަދަދެކެވެ. މީގެކުރިން މިރެކޯޑު ހަދާފައިވަނީ 608 ސިޑިއަށް އަރައިގެންނެވެ.

މިއަދުގެ ޙަރަކާތުގައި ވޯލްޑް ރެކޯޑް ހަދަން ކެޕްރަލް އަމާޒުހިފީ ބްރިޖް ޚަލީފާގެ އުސްމިނަށް ސިޑިން އަރާ ޖަގަލްކުރުމަށެވެ. އެއީ ގާތްގަނޑަކަށް 6000 ސިޑިން އެރުމުގެ ރެކޯޑެކެވެ. ނަމަވެސް މިކަން ކާމިޔާބު ނުވެ 2544 ސިޑިއާއި ހަމައިން ކެޕްރަލް އަތުން ބޯޅަ ވެއްޓުނީއެވެ.

އެހެންނަމަވެސް ކެޕްރަލް ވަނީ 553 މީޓަރުގެ ދިގު "ސީއެން" ޓަވަރަށްވުރެ މައްޗަށް ޖަގަލްކޮށްފައެވެ. މި ޓަވަރުގައި މުޅިއެކު ހުންނަނީ 1776 ސިޑި. ކެޕްރަލް ވަނީ 2544 ސިޑިއަށް އަރާފައެވެ.
ސަލްޓަން ޕާކުގައި މިއަދު މިޙަރާކަތް ކުރިޔަށްދިޔައިރު ވިއްސާރަވުމާގުޅިގެން ސިޑިތައް ހުރީ ތެމިފައެވެ. އެހެންނަމަވެސް ކައްސާލުންފަދަ ކަމެއް މެދުވެރި ނުވެ އޭނާވަނީ މިކަން ފުރިހަމަކޮށްފައެވެ. އޭނާ ބުނީ ޖަގްލިންގެ ޕްރެކްޓިސްތައް ވެސް ކުރީ މިފަދަ މާހައުލެއްގައި ކަމުން މިއަދު އޭނާއަށް މާބޮޑު އުނދަގުލެއް ކުރިމަތިނުވާކަމަށެވެ.

އަދި އޭނާ އުއްމީދުކުރި ޓާގެޓަށް ވާސިލްނުވެވުނު ނަމަވެސް މިއަދު ހެދި ވޯލްޑް ރެކޯޑާމެދު ހިތްހަމަޖެހޭކަމަށް އޭނާ ބުންޏެވެ. މިއަދު ބޭއްވި ވޯލްޑް ރެކޯޑް އެޓެމްޓްގެ މި ޙަރަކާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދާއި އެމްއެމްޕިއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޙަރަކާތަކީ ރާއްޖޭގައި މައިސް ޓޫރިޒަމް އިސްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރިއަށްގެންދާ ޙަރަކާތެކެވެ. މިމަހުގެ ފަސްވަނަ ދުވަހު ހެދި ޖަގްލިން މެރަތަން ރެކޯޑާއި މިއަދު ހެދި ވޯލްޑް ރެކޯޑް އަދި ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ހެދި ފްރީ ޑައިވް ވޯލްޑް ރިކޯޑާއެކު މިހާރު ރާއްޖޭގައި ދުނިޔޭގެ 3 ރެކޯޑު މިވަނީ މުގުރާލާފައެވެ.