ޚަބަރު

"ދަ ސްކައި އިޒް ޕިންކް " ގިނަ ބައެއްގެ ތައުރީފު


2015 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމް "މާގަރިޓާ ވިތް ސްޓުރޯ" އަށް ފަހު ސޮނާލީ ބޯސްގެ އާ ފިލްމް " ދަ ސްކައި އިޒް ޕިންކް " ފުރަތަމަ ދައްކާލުމާއި އެކު ގިނަ ބައެއްގެ ތައުރީފު ފިލްމަށް ލިބިގެން ހިގައްޖެއެވެ.

ހަޤީޤީ ހާދިސާޢެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ފެނިގެންދަނީ ވަރަށް ލޯބިން އުޅޭ ދެމަފިރިއަކު އެމީހުންގެ 19 އަހަރުގެ އަންހެން ދަރިފުޅަށް ދިމާވާ ޕުއްމާގެ ބައްޔަކުން އޭނާ ސަަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތެވެ.

އިންޑިއާގެ ޒުވާން ލިޔުންތެރިޔާ އަދި މޯޓިވޭޝަނަލް ވާހަކަދެއްކުންތެރިޔާ އައިޝާ ޗައުދަރީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މިފިލްމްގައި އައިޝާ ރޯލުން ފެނިގެންދަނީ ދާދި ފަހުން ފިލްމީ ދައިރާއާއި ވަކިވިކަން އިއުލާންކުރި ޒާރާ ވަސީމްއެވެ. ފިލްމުގެ ލީޑްރޯލުން ނިރެން އާއި އަދިތީ ޗައުދަރީގެ ރޯލުން ފެނިގެންދަނީ ފަރްހާން އަހްތަރާއި ޕްރިޔަންކާ ޗޯޕްޅާއެވެ.

ފިލްމުގެ ފުރަތަމަ ދައްކާލުމާއިއެކު ކްރިޓިކްސް ލިޔާ މީހުންގެ ތައުރީފްތައް ވަނީ ފިލްމަށް އޮހިގެން ގޮސްފައެވެ. ގިނަ ބަޔަކު ބުނާ ގޮތުުން ވަރަށް ސެންސިޓިވް ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމް ޑައިރެކްޓަރ ޝޮނާލީ ބޯސް މި ފިލްމު ގެނެސްދީފައިވަނީ ވަރަށްވެސް ފުރިހަމަކޮށެވެ.

ފިލްމްގެ ފުރަތަމަ ބައިގައި ހެއްވާ މަޖާ މަންޒަރުތަކެއް ގެނެސްދީފައިވީ ނަމަވެސް ދެވަނަ ބައިގައި ލޮލުން ކަރުނަ ހިލުވާލިކަމަށް ކްރިޓިކްސް ލިޔާ މީހުން ބުނެއެވެ. ނިލޭޝް މަނީޔަރާއި ޖޫހީ ޗަތުރަވެދީގެ އިތުރުން ޝޮނާލީ ބޯސްގެ ސްކްރީން ޕްލޭ ވަރަށް ކަމުދެއެވެ.

ފިލްމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ފިލްމުގެ މިއުޒިކެވެ. ހާއްސަކޮށް ފިލްމުގައި ހިމެނޭ " ދިލް ހީ ތޮ ހޭ" ގިނަ ބަޔަކަށް ކަމުދިއައެވެ.

ތިން އަހަރަށް ފަހު ޕްރިޔަންކާ ހިންދީ ފިލްމަކުން ފެނުނުއިރު އެނާގެ މި ފިލްމުގައި ދައްކުވައިދިން އެކްޓަށް އެތައް ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި މި ފިލްމުގައި ޕްރިޔަންކާގެ ދައްކުވައިދިން ރޯލުން ހިންދީ ސިނަމާތަކުން ކުޅަދާނަ މޮޅު އެކްޓަރެސް ތިން އަހަރަށް ނުފެނި ގިނަ ބަޔަކު ޕްރިޔަންކާގެ ފިލްމަކަށް އިންތިޒާރު ކުރާ ސަބަބު ހަމާވެގެންގޮސްފައިވާކަމަށް އިންޑިއާގެ ރިޕޯޓްތަކުން ބުނެއެވެ.

ގިނަ ރިޕޯޓްތައް ބުނާ ގޮތުން މީ ފަރްހާން އަހްތަރުގެވެސް މިހާތަނަށް އެންމެ މޮޅު އެކްޓީން ފެނިގެންދިޔަ ފިލްމެވެ. ކޮލެޖެ ކުއްޖަކުން ފެށިގެން މަރާ ހަނގުރާމަކުރަމުންދާ ނަވާރަ އަހަރުގެ އަންހެން ދަރިފުޅު 50 އަހަރުގެ ބައްޕައެއްގެ ރޯލުން ފަރްހާން ފެނިގެންދާއިރު އެނާގެ ދަރިންގެ ގޮތުގައި ޒާރާ އާއި ރޯހިތާއި އެކު ފެނިގެންދާ ސީންތަކުގައި ފަރްހާންގެ އެކްޓިން ވަރަށް އަސްލާއި އެއްގޮތްކަމަށް ބުނެއެވެ.

ޑަންގަލްއާއި ސީކްރެޓް ސުޕަރސްޓަރގައި ދައްކުވައިދިން މޮޅު އެކްޓިންގެ ސަަބަބުން ގިނަ ބައެއްގެ ލޯބި ލިބިގެންދިޔަ ޒާރާ މި ފިލްމްގައިވެސް ވަނީ އެހާ މޮޅަށް އެނާގެ ކެރެކްޓަރ ހިފަހައްޓާފައެވެ. ފިލްމީ ދުނިޔެއިން ރިޓަޔަރ ކުރަން ނިންމާފައިވާ ޒާރާގެ އެންމެ ފަހު ފިލްމަކަށް ބެލެވޭ މިފިލްމުގައި އެނާ ވަނީ އަސަރު ފުރިގެންވާ އެތައް ސީންތަކެއް ކުޅެފައެވެ.

މި ފިލްމުގައި ޒާރާގެ ބޭބެގެ ރޯލުން ފެނިގެންދާ ރޯހިތް ޝަރަޕްގެ އެކްޓިންވެސް ހަމަ އެހާ މޮޅެވެ. "ހިޗްކީ" އަދި "ޑިއަރ ޒިންދަގީ" ފެނިގެންގޮސްފައިވާ ރޯހިތް މި ފިލްމުގައި ޒާރާއާއި އާއި އެކު ލަންޑަން ޓިއުބުން ފެންނަ ސީނާއި ފިލްމުގެ ނިންމުމުގައި ފަރްހާންއާއި އެކު ފެންނަ ފެނުމުގައި އެނާގެ އެކްޓިނަށް ބަސް ހުއްޓިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.