ކުޅިވަރު

ތަށި ހޯދޭނީ ލިވަޕޫލް ބަލިކޮށްގެން: ރޮޑްރީ


އިނގިރޭސި ޕްރެމިއާ ލީގު މި ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ހޯދެން އޮތް ހަމައެކަނި ގޮތަކީ ލިވަޕޫލް ބަލިކުރުން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ ބުނެފިއެވެ.

އޭނާ ބުނީ ލިވަޕޫލަކީ ޔޫރަޕުގެ ޗެމްޕިއަން ޓީމު ކަމަށާއި އަދި މިވަގުތު ޔޫރަޕުގައި އޮތް އެންމެ މޮޅު ޓީމުކަން މިދިޔަ ދެ ސީޒަނުގައި ސާބިތުކޮށްދީފި ކަމަށެވެ.

"އެމީހުން ބަލިކުރުމަކީ ކޮންމެ ޓީމަކުން ވެސް ކުރަން ބޭނުންވާނެ ކަމެއް. ހަމައެކަނި އަހަރުމެން އެކަންޏެއްނޫން އެކަން ކުރަން ބޭނުންވާނީ. އެމީހުންބަލިނުކޮށް ތައްޓެއް ނުލިބޭނެ،" ރޮޑްރީ ބުންޏެވެ.

އޭނާ ބުނީ ޔޫރޯ ކޮލިފައިގައި މިރޭ ސްޕޭނުގެ ގައުމީ ޓީމު ކުޅޭ މެޗުން އޭނާ އަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެން މިދަނީ އާ ކަންތައްތައް ދަސްކުރަމުން. ޓީމު ފައުލް ކުރުމާއި އެނޫން ކަންކަން ވެސް ގައުމީ ޓީމާއެކު ދަސްވަމުންދޭ. މިރޭގެ މެޗަކީ އަހަރުމެންނަށް ކާމިޔާބު ކުރެވޭނެ މެޗެއް. އަހަރުމެން ޓީމުގައި އެބަތިބި ވަރަށް ގިނަ އޮފެންސިވް ކުޅުންތެރިން. އަހަރުމެން ފަހަތުގައި ތިބެންޖެހޭ ސަބަބެއް ނޯންނާނެ،" 23 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.