ކުޅިވަރު

އަންސޫ ފަޓީ ސްޕޭނުގެ ވަރލްޑް ކަޕް ސްކޮޑުން އުނިކޮށްފި


17 އަހަރުން ދަށުގެ ވަރލްޑް ކަޕުގައި ވާދަކުރާ ސްޕޭން ޤައުމީ ޓީމުގައި ބާސެލޯނާގެ ޒުވާން ފޯވަޑް އަންސޫ ފަޓީ ނުހިމަނަން ނިންމައިފިއެވެ.

17 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޑޭވިޑް ޖޯޑޯ ބުނީ ސްޕޭނުގެ ފެޑަރޭޝަނުން ކުރި މަޝްވަރާތަކުގައި އެންމެ މުހިންމު ކަމަކަށް ފެނުނީ މިވަގުތު ކުޅުންތެރިޔާ ލައްވައި ވަރލްޑް ކަޕުގައި ނުކުޅުވައި ސީނިއާ ޤައުމީ ޓީމަށް އޭނާ ނެގުން ކަމަށެވެ. މި ގޮތަށް ނިންމި ޤައުމީ ސީނިއާ ޓީމުގެ ކޯޗު ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިން އަށް ފަޓީ ޤައުމީ ޓީމަށް ނެގަން ބޭނުންވާ ކަމަށް ބުނެފައެވެ.\

ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ސްޕޭން ނޫން ޤައުމަކަށް ކުޅެން ފަޓީ އަށް އޮތް ފުރުސަތު ބަންދު ކުރުމަށް ސްޕޭނުން ކުރި ކަމެކެވެ. އޭނާ އަކީ ގިނީ އަށް އުފަން ކުޅުންތެރިއަކަށްވުމުން ސްޕޭނާއި ގިނީ އަދި ޕޯޗުގަލް އަށް ކުޅުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ. ޒުވާން ޓީމަށް ކުޅުނަސް މި ފުރުސަތު ގައުމީ ޓީމަށް ނުކުޅޭހާ ހިނދަކު ނުގެއްލޭނެ އެވެ.

ސްޕޭނުން ފަޓީއަށް އެ ޤައުމުގެ ރައްޔިތުކަން ދިނީ ބާސެލޯނާގައި އޭނާ ވިދާލުވުމުންނެވެ. އޭނާ ވަނީ މިސީޒަނުގައި ބާސެލޯނާގެ ޓީމުން ޖާގަ ހޯދައި އެކުލަބަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމާއި އެންމެ ޒުވާން އުމުރުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ.