ކުޅިވަރު

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ދެވަނަ ބުރަށް ދަތުުރުކުރި ޓީމުތައް ކަށަވަރުވެއްޖެ


ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް ކަށަވަރުވީ ޒޯން ބުރުގެ މެޗުތައް މިރޭ ކުޅެ ނިމުމުންނެވެ. އެގޮތުން 66 ރަށް ބައިވެރިވި މި މުބާރާތުގެ ޒޯން 1 ގެ ޗެމްޕިއަން ޓީމު ށ.ގޮއިދޫއާއެކު ޒޯން 1 އަކުން ދެން ދެވަނަ ބުރަށް ދަތުރުކުރީ ހދ.ނާވައިދޫއެވެ. މުބާރާތުގެ ޒޯން 2 އަކުން ދެވަނަ ބުރަށް ދަތުރުކުރީ ޒޯން 2 ގެ ޗެމްޕިއަން ބ.އޭދަފުއްޓާއި ރ.އިނގުރައިދޫއެވެ. ޒޯން 3 ގެ ޗެމްޕިއަން އއ.ބޮޑުފުޅަދޫއާއެކު އެ ޒޯނުން ދެވަނަ ބުރަށް ދަތުރުކުރީ ކ.ގުރައިދޫއެވެ. ޒޯން 4 އަކުން ޗެމްޕިއަން ދިއްގަރާއި އެކު ދެވަނަ ބުރުން ޖާގަ ހޯދީ އދ.އޮމަދޫއެވެ. މުބާރާތުގެ ޒޯން 5 ގެ ޗެމްޕިއަންކަން ހޯދައި ތ.ތިމަަރަފުށި ދެވަނަ ބުރަށް ދަތުރުކުރިއިރު، ތިމަރަފުއްޓާއެކު ޒޯން 5 އަކުން ދެވަނަ ބުރުން ޖާގަ ހޯދި ދެވަނަ ޓީމަކީ ފ.ނިލަންދޫއެވެ. މުބާރާތުގެ ޒޯން 6 އަކުން ލ.ގަން ދެވަނަ ބުރަށް ދަތުރުކުރިއިރު އެ ޒޯނުން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ގދ.މަޑަވެލިއެވެ. އަދި ޒޯން 7 އަކުން އައްޑޫ ސިޓީގެ މަރަދޫ ދެވަނަ ބުރަށް ދަތުރުކުރިއިރު، މާލެ ހިމެނޭ ޒޯން 8 އިން ދެވަނަ ބުރަށް ދަތުރުކުރީ މާފަންނާއި ހެންވޭރުއެވެ.

މި މުބާރާތުގެ ޒޯން ބުރުގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު ފުރަތަމަ ކުޅެފައިވަނީ ޒޯން 1ގެ ފަހު 2 މެޗެއެވެ. އެގޮތުން ށ.ގޮއިދޫއާއި މަކުނުދޫ ބައްދަލުކުރި މެޗު 3-5 އިން ގޮއިދޫ ކަމިޔާބުކޮށް ޒޯން 1 ގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ. މި މެޗުގައި ގޮއިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް ރިފާޒް، ޙުސައިން ވަހީދު އަދި އިބްރާހިމް ޢަލީގެ އިތުރުން މުހައްމަދު އަހުޝަމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ގޮއިދޫ ޓީމުގެ އިބްރާހިމް ރިފާޒްއެވެ.

މި މެޗުގެ އިތުރުން ޒޯން 1 ގައި މިރޭ ހއ.އިހަވަންދޫއާއި ހދ.ނާވައިދޫ ބައްދަލުކުރި މެޗު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނާވައިދޫއެވެ. މި މެޗުގައި ނާވައިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ހަމީދު، މުހައްމަދު ނާޝިދު އަދި އިސްމާއިލް ވަހީދުއެވެ. އިހަވަންދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް ހާމިދު އަދި ހުސައިން ސަމީރުގެ އިތުރުން އަޙުމަދު ޝައުދްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ހދ.ނާވައިދޫ ޓީމުގެ އިސްމާއިލް ވަހީދުއެވެ.

ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ށ.ގޮއިދޫގެ އިބްރާހިމް ރިފާޒްއެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ހދ.ނާވައިދޫ ޓީމުގެ އިސްމާއިލް ވަހީދުއެވެ.

މުބާރާތުގެ ޒޯން 5 ގެ ޗެމްޕިއަަންކަން ތ.ތިމަރަފުށި ހޯދީ މިރޭ ހދ.ކުޑަހުވަދޫއާއި ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ތިމަރަފުށި ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ޢަލީ ޝިފާއު އަދި އިސްމާއިލް މުނީޒްއެވެ. ކުޑަހުވަދޫ ޓީމުން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ، ހާރޫން އިބްރާހިމްއެވެ. މި މެޗުގެ މޮޅު ކުޅުންތެެރިޔާގެ މަޤާމް ހޯދީ ޒޯން 5 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދި ތ.ތިމަރަފުށި ޓީމުގެ ޢަލީ ޝިފާއުއެވެ.

މުބާރާތުގެ ޒޯން 4 ގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ މ.ނާލާފުށި އަދި އދ.އޮމަދޫއެވެ. މި މެޗު 2-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮމަދޫއެވެ. އޮމަދޫ ޓީމުން މި މެޗުގައި ޖެހި 8 ލަނޑުގެ ތެރެއިން 4 ލަނޑު މޫސާ އަރީފް ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ނިޔާޒް، ޢަލީ އަޒްމީ އަދި ޢަބްދުﷲ އަޖްރަމްއެވެ. ނާލާފުށި ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިިޔާބުކޮށްދިނީ، އަޙުމަދު އާރިފް އަދި ޢަލީ އަޒްމީލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޮމަދޫ ޓީމުގެ މޫސާ އަރީފްއެވެ.

މުބާރާތުގެ ޒޯން 3 ގެ ޗެމްޕިއަންކަން އއ.ބޮޑުފުޅަދޫ ހޯދީ ޅ،ހިންނަވަރުގެ މައްޗަށް 1-4 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ބޮޑުފުޅަދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ރިއުޝާން، މުހައްމަދު ޝިރުޙާން އަދި ޢަލީ ޝަނީޒްގެ އިތުރުން އިބްރާހިން ރަފްޙާންއެވެ. ހިންނަވަރު ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ހުސައިން މުހައްމަދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޒޯން 3 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ހޯދި އއ.ބޮޑުފުޅަދޫ ޓީމުގެ އަޙުމަދު ރިއުޝާންއެވެ. ޒޯން 3 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ބޮޑުފުޅަދޫ ޓީމުގެ އިބްރާހިމް ރަފްޙާންއެވެ.

މުބާރާތުގެ ޒޯން 2 ގެ ޗެމްޕިއަންކަން ބ.އޭދަފުށި ހޯދީ ޒޯން 2 ގެ ފަހު މެޗުގައި މިރޭ ނ.ހޮޅުދޫގެ މައްޗަށް 8-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި އޭދަފުށި ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު އަޝްރަފް ޔޫސުފް، ހަމްދާން ޢަބްދުއްސައްތާރު އަދި އިޝާން އިބްރާހިމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޒޯން 2 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އަޙުމަދު އަޝްރަފް ޔޫސުފްއެވެ. ޒޯން 2 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ރ.އިނގުރައިދޫ ޓީމުގެ ޢަލީ ހާފިޒުއެވެ.

މި މެޗާއެކު ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ކުޅުން ނިމި ދެވަނަ ބުރުގައި ވާދަކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.