ޚަބަރު

ބްރިޖްގައި ބަހައްޓާފައިހުރި ހުރިހާ ބަންޕަރުތައް ނަގައިފި


ސިނަމާލެ ބްރިޖްގައި ބަހައްޓާފައިހުރި ހުރިހާ ބަންޕަރުތައް ނަގައިފިއެވެ.

ބްރިޖްގެ ބަންޕަރުތައް ނަގަން ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެގޮތުން އެންމެ ފުރަތަމަ ނަގާފައިވަނީ މާލެއިން ހުޅުމާލެއަށް ދުއްވާ ފަޅީގައި ހުރި ބަންޕަރުތަކެވެ. މިހާރުވަނީ ބްރިޖްގެ 2 ކޮޅަށް ދުއްވާ ލޭނުތަކުގައި ހުރި ހުރިހާ ބަންޕަރުތައްވެސް ނަގާފައެވެ.

ސިނާމާލެ ބްރިޖް އަލަށް ބޭނުންކުރަން ފެށިއިރު ބަންޕަރުތައް އަޅައިގެން ބޭނުންކުރަން ފެށީ ބްރިޖްގައި ދުއްވާ ސްޕީޓް ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. ނަމަވެސް އަލުން ބަންޕަރުތައް ނަގަން ނިންމީ ބްރިޖްގައި ހިންގާ ކުދި ކުދި އެކްސިޑެންޓްތައް މަދު ކުރުމަށްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ބަންޕަރުތައް ނަގަން ނިންމީ ފުލުހުންނާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީއާއެކު ކުރި މަޝްވަރާތަަކަށް ފަހުއެވެ.

ބްރިޖާއި ހުޅުލެ ހުޅުމާލެ ރިންގް ރޯޑަކީ 5ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެކެވެ. މިދިޔައަހަރު ބްރިޖް ޢާއްމު ދަތުރުތަކަށް ހުޅުވާލުމާއިއެކު، ދުއްވާ މީހުންގެ ރައްކާތެރިކަން އިތުރުކުރުމަށް އުޅަނދުތައް ދުއްވުމަށް ހަރުދަނާ ޤަވައިދުތަކެއްވަނީ ހަދާފައެވެ.

ބްރިޖާއި ހައިވޭގައި ދުއްވާ ސްޕީޑްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގަޑިއަކު 25 ކިލޯމީޓަރާއި 50 ކިލޯމީޓަރާއި ދެމެދުގެ ސްޕީޑްގައެެވެ. އަދި ދުއްވާ އިރު މީހުންގެ ސަމާލްކަން އިތުރުކުރުމަށް ސައިކަލުގައި ލޯގަނޑު ޖަހައިގެން ދުއްވަން ޖެހޭގޮތަށްވަނީ މަޖުބޫރުކޮށްފައެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެންމެ ފަހުން ގެނައި ބަދަލަކީ ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅައިގެން ދުއްވޭގޮތް ހެދުމެވެ.

ހެލްޓް އަޅައިގެން ދުއްވޭ ގޮތަށް މަޖުބުރުކުރީ، ހިނގާ އެކްސިޑެންޓްތަކުގައި މީހާގެ ފުރާނައަށް އެންމެ ނުރައްކާވަނީ ބޮލަށްލިބޭ ގެއްލުމުގައި ކަމަށްވާތީ، އެފަދަ ގެއްލުންތައް ކުޑަކުރުމުގެ ގޮތުންނެވެ. މި ގަވައިދުތަކާއިއެކު ބްރިޖުގައި ހިންގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކަންވަނީ ފާހަގަވެފައެވެ.

މިހާރު ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ ބްރިޖްގައި ކެމެރާ ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްވެސް ކުރުމަށް ނިންމީ ބްރިޖްގައި ބާރަށް ދުއްވާ ފަރަތްތައް ދެނެގަނެ، ގަވައިދާއި އެއްގޮތަށް ދުއްވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.