ވިޔަފާރި

އިޓަލީގައި ކުރިއަށްދާ "ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ


އިޓަލީގެ ސިޓީއެއް ކަމަށްވާ ރިމިނީގައި ކުރިއަށްދާ "ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއެންސް" ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ބައެއް ކުންފުނިތަކުން ބައިވެރިވެއްޖެއެވެ.

މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިޓަލީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

އިޓަލީގައި ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑުއެއް ފެއާ ކަމުގައި "ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއެންސް" ފެއަރ ކުރިއަށްދާނީ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމް.އެމް.ޕީ.އާރްސީ އާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން މި ފެއާގައި ބައިވެރިވެއެވެ. މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޓަލީ މާކެޓުގައި އިތުރަށް އިޝްތިހާރު ކުރެވޭނެ ގޮތްތަކާއިމެދު ފެއާގެ އެކި ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ މި ފެއާ އަކީ އިޓަލީގައި ސީދާ ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ހިންގޭ އެންމެ މުހިންމު ފެއާ އަށް ވެފައި، މިއީ އިޓަލީގައި ރާއްޖެ އިޝްތިހާރުކޮށް، ވިޔަފާރި އިތުރަށް ފުޅާކުރަން ހުޅުވިގެންދާނެ ދޮރަކަށްވެގެންދާނެތީކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ފެއާ އަކީ އިޓަލީގައި އޮންނަ ފެއާއެއް ކަމުގައި ވިޔަސް، 90 ގައުމަކުން 2,131 އެގްޒިބިޓަރުން ބައިވެރިވެ އެވެ. އަދި 44,647 މީހުން މިފެއާއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ.

މި ފެއާގައި ރާއްޖޭގެ ތަމްސީލުކުރާނީ 64 އަކަމީޓަރުގެ ސްޓޭންޑެއްގައެވެ. އެގޮތުން ދިވެހިރާއްޖޭގެ ރީތިކަން ދައްކާލުމަށްޓަކައި ބޭނުންކުރެވިފައި ހުންނާނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމަށްޓަކައި ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ސްޓޭންގައި ބެހެއްޓިފައިވާ އިންސްޓަގްރާމް ފްރޭމާ އެކު ފޮޓޯއެއް ނަގައި ވިސްޓްމޯލްޑިވްސްގެ ހޭޝްޓެޑާ އެކު އިންސްޓަގްރާމްކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ކޮމެންޓް ލިބޭ ފޮޓޯ އަކަށް ފުރަވެރި ރިސޯޓުން ދޭ ޗުއްޓީ ދަތުރެއް ލިބޭނެ އެވެ.

"ޖާރނީ ޓު ދަ ސަނީ ސައިޑް"ގެ ދަށުން ކުރިއަށް ގެންދާ ރޯޑް ޝޯއެއް ވެސް އޮކްޓޫބަރ 14 ން 15 ގެ ނިޔަލަށް އިޓަލީގެ ރޯމް އަދި މިލާންގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 9 ފަރާތަކުން ބައިވެރިވެއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިން އައިސްފާވަނީ އިޓަލީއިންއެވެ. އިޓަލީ އަކީ ރާއްޖެއަށް ފަތުރުވެރީން އަންނަ އެންމެ ވަރުގަދަ އެއް މާކެޓެވެ. މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 92,162 ފަތުރުވެރިން އިޓަލީން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ 2018 ގެ މި މުއްދަތާ އަޅާ ބަލާއިރު 32.1 އިންސައްތައިގެ ކުރިއެރުމެކެވެ.