ޚަބަރު

ކުރުދީންނަށް އެހީވުމަށް އެމެރިކާ ސިފައިން ސޫރިޔާގައި ބޭތިއްބުމަކީ ޚަރަދުބޮޑުކަމެއް: ޓްރަމްޕް


ސޫރިޔާއިން އެމެރިކާ ސިފައިން ބޭލުމަށް ނިންމެވީ އެކަމަކީ ވަރަށް ބޮޑު ޚަރަދަކަށް ވާތީކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމަށް ނިންމެވި ނިންމެވުން ދިފާޢުކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވީ އައިއެސްއާއި ހަނގުރާމަކުރަމުންދިޔަ ކުރުދީންނަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެކަމަށާއި މިހާރު ދެން ކުރުދީންނާއި ގުޅިގެން މައްސަލަތައް ޙައްލުކުރުމަކީ ތުރުކީއާއި ޔޫރަޕާއި ރަޝިޔާއާއި ސޫރިޔާއާއި ޢިރާޤާއި އަދި އީރާނުގެ ޒިންމާއެއްކަމަށެވެ.

ޓްރަމްޕް ކުއްލިގޮތަކަށް މި އެޅުއްވި ފިޔަވަޅުގެ ސަބަބުން ތުރުކީވިލާތުން ސޫރިޔާއަށް އަރާ ކުރުދީންނަށް ޙަމަލާދިނުމަށް ހިތްވަރު ލިބިއްޖެކަމަށް ބުނެ، އެމެރިކާގެ އެތެރޭގައިވަނީ ޚިޔާލުތަފާވުން އުފެދިފައެވެ. އަދި ރިޕަބްލިކަން ޕާޓީގެ ސެނެޓް މެންބަރުންނާއި ރައީސް ޓްރަމްޕްއާއި ދެމެދުވެސް މިކަމުގެ ޚިޔާލުތަފާތުވުންވަނީ ބޮޑުވެފައެވެ. ޢާއްމުކޮށް ރައީސް ޓްރަމްޕަށް ތާޢީދުކުރައްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓް މެންބަރެއްކަމަށްވާ ލިންޑްސޭ ގްރެހަމް ވިދާޅުވީ ޓްރްމްޕްގެ މި ނިންމެވުން ބަދަލުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ޤަރާރެއް ފާސްކުރުމުގެ މަސައްކަތްކުރައްވާނެކަމަށެވެ.

ޓުވިޓަރ މެދުވެރިކޮށް ގްރެހަމް ވިދާޅުވެފައިވަނީ ޓްރަމްޕްގެ ނިންމެވުމަކީ އެމެރިކާއަށް ލިބުނު ގެއްލުމެއްކަމަށާއި މިކަމުގައި ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްފެއޯއާއި މަޝްވަރާކުރައްވާނެކަމަށެވެ.