ކުޅިވަރު

ފަސް އިވެންޓުގެ ފައިނަލުގައިވެސް އިންޑިއާ


ލިނިންގ ސައުތް އޭޝިއަން އެކާވީސް އަހަރުން ދަށުގެ ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސްގެ ފައިނަލުގައި އިންޑިއާގެ ދެކުޅުންތެރިން ވާދަކުރަން ޖެހުނުއިރު މިކްސް ޑަބަލްސްގެ ފައިނަލުންވެސް އިންޑިއާގެ ދެ ޕެއާ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އާއި މިކްސް ޑަބަލްސްގެ އިތުރުން ފިރިހެން ސިންގަލްސް އާއި ފިރިހެން ޑަބަލްސްގެ އިތުރުން އަންހެން ޑަބަލްސް ފައިނަލުން އިންޑިއާގެ ކުޅުންތެރިން ވަނީ ޖާގަ ހޯދާފައެވެ.

އަންހެން ސިންގަލްސްގެ ފައިނަލުގައި ވާދަކުރާނީ އިންޑިއާގެ މަންސީ ސިންގް އައި ދީޕްޝިކާ ސިންގްއެވެ. މަންސީ ސިންގް ފައިނަލުން ޖާގަހޯދީ ސެމީގައި ސްރީލަންކާގެ ހަސިނި ނުޝާކާގެ ޕެއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތަށް މަންސީ ގެންދިޔައީ 21-15 އަދި 21-16 އިންނެވެ. މިބައިގެ ފައިނަލުން އިންޑިއާގެ ދީޕްޝިކާ ޖާގަ ހޯދީ ސެމީގައި ރާއްޖޭގެ ނަބީހާ ޢަބްދުލްރައްޒާގް ދެސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތަށް ދީޕްޝިކާ ގެންދިޔައީ 21-14 އަދި 21-11 އިންނެވެ.

ފިރިހެން ސިންގަލްސްގެ ފައިނަލުގައި ވާދަކުރާނީ އިންޑިއާގެ ސަރަތް ދުންނާ އާއި ނޭޕާލްގެ ޕްރިންސް ދަހާލްއެވެ. ފިރިހެން ސިންގަލްސްގެ ފައިނަލުން އިންޑިއާގެ ދުންނާ ޖާގަ ހޯދީ ސެމީގައި ސްރީލަންކާގެ ޑުމިންދު އަބޭވިކްރަމާގެ މައްޗަށް 2-1 ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ދުންނާ ގެންދިޔައީ 21-11 އިންނެވެ. ދެވަނަ ސެޓު ހަމަ މިނަތީޖާއިން ގެންދިޔައީ ޑުމިންދުއެވެ. ނަމަވެސް ތިންވަނަ ސެޓު ފަސޭހަކަމާއިއެކު 21-6 އިން ގެންގޮސް ސަރަތް ދުންނާ ފިރިހެން ސިންގަލްސްގެ ފައިނަލަނުގެ ފުރަތަމަ ޖާގަ ހޯދިއެވެ.

މިބައިގެ ފައިނަލުގެ ދެވަނަ ޖާގަ ނޭޕާލްގެ ޕްރިންސް ދަހާލް ހޯދީ ސެމީގައި ސްރީލަންކާގެ ރަންތުޝްކާ ސުސިންދުގެ މައްޗަށް 2-1 ސެޓުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-16 އިން ކާމިޔާބުކުރީ ރަންތުޝްކާއެވެ. ނަމަވެސް ފަހު ދެސެޓު ކާމިޔާބުކޮށް ޕްރިންސް ދަހާލް ފައިނަލުގެ ފަހިޖާގަ ހޯދިއެވެ. ފަހު ދެސެޓު ޕްރިންސް ދަހާލް ގެންދިޔައީ 21-15 އަދި 21-18 އިންނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސްގެ ފައިނަލުގައި ވާދަކުރަން ޖެހޭނީ އިންޑިއާގެ ސަރަތް ދުންނާ އާއި ޗަރަން ކޯޔާގެ ޕެއާ އާއި، ޕާކިސްތާނުގެ އަދްނާން އާއި ހައިދަރްގެ ޕެއާއެވެ. މިބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ އިންޑިއާގެ ޕެއާއިން ހޯދީ ސެމީގައި ސްރީލަންކާގެ ދީގުޔާ އާއި ލަކިންޑުގެ ޕެއާގެ މައްޗަށް ސީދާ ދެސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-13 އަދި 21-15 އިންނެވެ. ފިރިހެން ޑަބަލްސްގެ ފައިނަލުގެ ދެވަނަ ޖާގަ ޕާކިސްތާނުގެ ޕެއާއިން ހޯދީ ސެމީގައި ބޫޓާންގެ ޖިމްބާ ސަނަގޭ އާއި ޖަމްޔަން ޓެންޒިންގެ ޕެއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތަށް ޕާކިސްތާނުގެ ޕެއާއިން ގެންދިޔައީ 21-12 އަދި 21-18 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސްގެ ފައިނަލުގައި ވާދަކުރާނީ އިންޑިއާގެ މަންސީ ސިންގް އާއި ދީޕްޝިކާ ސިންގްގެ ޕެއާ އާއި ސްރީލަންކާގެ ޓެޝަނީ އާއި ވިޖަޔަރަތްނޭގެ ޕެއާއެވެ. މިބައިގެ ފައިނަލުން އިންޑިއާގެ ޕެއާ ޖާގަ ހޯދީ ސެމީގައި ރާއްޖޭގެ ނަބާހާ ޢަބްދުލްރައްޒާގް އާއި ނަބީހާ ޢަބްދުލްރައްޒާގްގެ ޕެއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-19 އަދި 21-14 އިންނެވެ. މިބައިގެ ފައިނަލުން ސްރީލަންކާގެ ޕެއާ ޖާގަހޯދީ ސެމީގައި ބޫޓާންގެ ޕުންތްސޯ އާއި ކިންލޭގެ ޕެއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތަށް ސްރީލަންކާގެ ޕެއާއިން ގެންދިޔައީ 21-13 އަދި 21-15 އިންނެވެ.

މުޅި މުބާރާތުގައިވެސް އެންމެ ފާހަގަކޮށްލެވޭ ފައިނަލަނީ މިކްސް ޑަބަލްސްގެ ފައިނަލެވެ. މިއީ މުބާރާތުގައި ވާދަކުރި އިންޑިއާގެ ހަތަރު ކުޅުންތެރިންވެސް ފެނިގެންދާ ފައިނަލެވެ. މިކްސް ޑަބަލްސްގެ ފައިނަލުގައި ވާދަކުރާނީ އިންޑިއާގެ ސަރަތް ދުންނާ އާއި ދީޕްޝިކާގެ ޕެއާ އާއި އިންޑިއާގެ ޗަރަން ކޯޔާ އާއި މަންސީ ސިންގހްގެ ޕެއާއެވެ.

މިކްސް ޑަބަލްސްގެ ފައިނަލުން ދުންނާ އާއި ދީޕްޝިކާގެ ޕެއާއިން ޖާގަހޯދީ ސެމީގައި ނޭޕާލްގެ ޕްރަފުލް އާއި ރަސީލާގެ ޕެއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-13 އަދި 21-15 އިންނެވެ. މިބައިގެ ފައިނަލުގެ ދެވަނަ ޖާގަ އިންޑިއާގެ ޗަރަން ކޯޔާ އާއި މަންސީ ސިންގހްގެ ޕެއާއިން ހޯދީ ސެމީގައި ނޭޕާލްގެ ޕްރިންސް ދަހާލް އާއި ޖެސިކާ ގުރުންގް ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާއިން ގެންދިޔައީ 22-20 އަދި 21-17 އިންނެވެ.
މިނަތީޖާތަކާއިއެކު މުބާރާތުގެ ފަސް އިވެންޓުގެ ފައިނަލްތަކުގައިވެސް އިންޑިއާ ވާދަކުރާނެއެވެ. އަދި މުބާރާތުގެ މިކްސް ޓިމް އިވެންޓުގެ ޗެމްޕިއަން އަކީވެސް އިންޑިއާއެވެ.