ޚަބަރު

ވީއޭއެމްގެ އިންތިޚާބް މިމަހު 24ގައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު މި މަހު 24ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިމަހުގެ 24ވަނަ ދުވަހު ވީއޭއެމްގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ވީއޭއެމް ހިންގުމަށް އެކުލަވާލާފައިވާ ނޯމަލައިޒިން ކޮމިޓީންނެވެ. މިއިންތިޚާބް ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމެޓީން ރޭގައިވަނީ ޔޫތް މިނިސްޓްރީގައި ކުލަބްތަކާއެކު ބޭއްވި ބައްދަލުވުމުގައި އަސާސީ ޤަވާޢިދަށް އިސްލާޙު ގެނެސް އަސާސީ ގަވާއިދަށް ބަދަލްތަކެއް ގެނެސްފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މުޙައްމަދު ލަތީފްގެ އެކްސްކޯއާއި ގުޅުންހުރި މައްސަލަތަކެއް ބަލައި، ކޮމިޝަނާ އޮފް ސްޕޯޓްސްއިންވަނީ ލަތީފްގެ ލީޑަޝިޕް ބާޠިލްކޮށް، އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމެޓީއަކާ ޙަވާލުކޮށްފައެވެ.

ޔޫތް މިނިސްޓްރީގައި ރޭ ބޭއްވި ބައްދަލުވުމުގައިވަނީ އަސާސީ ޤަވާޢިދަށް ގެނައި އިސްލާޙުގެ އިތުރުން މިމަހުގެ 24ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވީއޭއެމްގެ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަށް ވުމަށްވެސް ވާހަކަދައްކާފައެވެ.

ކުރިއައްއޮތް ވީއޭއެމްގެ އިންތިޙާބްގައި ވޯޓް ލުމުގެ ހައްގު ލިބިފައިވަނީ 6 ކުލަބަކަށެވެ. އެއީ ޕޮލިސް ކުލަބް، ގްޑީސް ސްޕޯޓްސް ކުލަބް، ސްޕޯޓްސް ކުލަބް ސިޓީ، ޔޫތު ނިއު ޖެނެރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބް އަދި ކުލަބް ހާފް ލައިން ލިންކޭޖެވެ. އެކިއެކި ސަބަބުތަކާއި ހުރެ 2 ކުލަބްއަކުން މިބައްދަލުވުމުގައި ބައިވެރިއެއް ނުވެއެވެ. އެއީ ދިވެހި ސިފައިންގެ ކުލަބާއި ސްޕޯޓްސް ކުލަބް ހޯކްސްއެވެ. މިދެ ކުލަބްއާއެކު ކުރިއަށް އޮތް ވީއޭއެމްގެ އިންތިޚާބުގައި 8 ކުލަބްއަކަށް ވޯޓް ލުމުގެ ހައްޤުލިބިފައިވެއެވެ. މި8 ކުލަބްގެ ސައްހަކަން ކަށަވަރުކޮށްފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްއިންނެވެ.

ނޯމަލައިޒޭން ކޮމެޓީން ވީއޭއެމްގެ އިންތިޙާބްގައި ވޯޓް ލެވޭނެ ކުލަބްތަށް ނިންމާފައިވަނީ ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާފައިވާ އިންޑޯ ވޮލީބޯލް މުބާރާތުގެ ބައިވެރިވެފައިވާ ކުލަބްތަކެވެ.

ނޯމަލައިޒޭޝަން ކޮމެޓީއިން އާ އިންތިޚާބަކަށް ތައްޔާރުވާއިރު، ދުނިޔޭގެ ވޮލީގެ މައި އިދާރާ (އެފްއައިވީބީ)އިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެއިދާރާއިން ގަބޫލްކުރާނީ އެންމެ ފަހުން އިންތިޚާބުވި އެކްސްކޯ ކަމަށެވެ. މިގޮތަށް އެފްއައިވީބީން އަންގާފައިވީނަމަވެސް ނޯމަލައިޒޭޝަން ކޮމެޓީން މީގެކުރިން ބުނެފައިވަނީ އެކޮމެޓީން މަސައްކަތް ކުރާނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެންގުމާއި އެއްގޮތަށްކަމަށެވެ.