ރިޕޯޓް

ޓެކްސްޓް މެސެޖްތަކެއްގެ މައްސަލާގަ މުލޭ ހޫނުފެނަށް


އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައިހުރި ކުރީގެ
ހައިކޮމިޝަނަރ އަދި މިހާރު ނިއުޔޯކްގައި ހުންނަވާ އިންޑިޔާގެ ކޮންސެލް ޖެނެރަލް
ދަނޭޝްވަރު މުލޭ އަންހެނަކަށް ފޮނުވި ޓެކްސްޓް މެސެޖްތަކެއްގެ މައްސަލަ ފެންމަތިވެގެން
އުޅޭކަމަށް އިންޑިޔާގެ ނޫސްތައް ބުނެފިއެވެ. އިންޑިޔާގެ ބައެއް މީޑިއާތަކުން
ސިފަކުރާގޮތުގައި ރާއްޖޭގައި ހިނގި އިންޑިޔާގެ ޖީއެމްއާރްކުންފުނީގެ މައްސަލަގަނޑު ތެރޭގައިވެސް މުލޭގެ އަތެއް ހިމެނެއެވެ. އެއީ އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދު ފަހުގެ
ތާރީޚެއްގައި ނުއުފެދޭފަދަ ޑިޕްލޮމެޓިކް ކޯޅުންގަނޑެއް އުފެދި އިންޑިޔާއިން
ރަސްމީކޮށް ހާމަނުކޮށް ރާއްޖެއަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އެޅިއެވެ.



މުލޭގެ މިފަހަރު މައްސަލަގަނޑު ހިލިގެން އުޅެނީ އެމެރިކާގައި
އުޅޭ އިންޑިޔާދަރިކޮޅުގެ އެމެރިކާގެ އަންހެން ފިޒިޝަނަކަށް ފޮނުވި ޓެކްސްޓް
މެސެޖްތަކެއްގެ މައްސަލާގައެވެ. މިމެސެޖްތައް ސަރކިއުލޭޓްވުމާއެކު އިންޑިޔާގެ
ޚާރިޖިއްޔާއިން އެކަން ބަލަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އެއް މެސެޖްގައި
އޭނާ ލިޔެފައިވެއެވެ. އަހަރެން ނިދަންމިދަނީ ކަލާގެ އުފާވެރި ޚިޔާލުތަކުގައެވެ.
ކަލާއަށް ޝުކުރިއްޔާއެވެ. އަނެއް މެސެޖްގައި ވެއެވެ. އަހަރެންގެ ސިކުނޑީގައި
އަބަދުވެސްވަނީ ކަލާއެވެ. އެހެންމެސެޖެއްގައިވެއެވެ. އެންމެ ހިތްގައިމު
ޑްރައިވްއެވެ.



މުލޭގެ ބަލިފަޔަކަށް އަންހެނުން ވެއެވެ. ނިއުޔޯކްގައި އޭނާ
ދިރިއުޅެނީ އެކަންޏެވެ. އަންހެނުން އުޅެނީ އިންޑިޔާގައެވެ. ދޭތެރެދޭތެރެއިން
އަންހެނުން އޭނާއަށް ޒިޔާރަތްކުރެއެވެ.



ފެންނަ ފެނުމަށް މުލޭގެ މައްސަލަވަނީ ވަރަށް ބޮޑު ސިޔާސީ
ކަމަކަށްވެފައެވެ. ރާއްޖޭގައި ހުންނެވުމަށްފަހު ނިއުޔޯކަށް އޭނާ
ބަދަލުކުރުމުންވެސް ބައެއް ކަހަލަ ކަރޮޕްޝަންގެ ތުހުމަތުތައް މުލޭގެ މައްޗަށް
ކުރެވެއެވެ. އޭނާއަކީ އިންޑިޔާގެ ކޮންގްރެސް ޕާޓީއަށް ލޯޔަލް
ބޭފުޅެއްކަމަށްވެއެވެ. މިހާރު ވެރިކަންކުރާ ބީޖޭޕީގެ ޕާޓީއަށް ތާއީދުކުރާ
ޚާއްސަގޮތެއްގައި ނިއުޔޯކްގައި އޮންނަ ބީޖޭޕީގެ ގޮފިން ދެކޭގޮތުގައި މުލޭއަކީ
ދިވެހި ރާއްޖެއަށް ޖީއެމްއާރްގެންދިއުމުގައި އޭރު ޔޫޕީއޭގެ ޚާރިޖީވަޒީރުގެ
ގޮތުގައި ހުންނެވި ސަލްމާން ޚޫރްޝީދު ކަނޑައެޅުއްވި ޗޮއިސްއެވެ. ޖީއެމްއާރް
ސްކީމްގައި އިންޑިޔާގެ އޭރުގެ ވަރަށް ގިނަ ފެޑެރަލް މިނިސްޓަރުންގެ ބައިވެރިވުން
އޮތްކަމަށްވެސް ބީޖޭޕީގެ ސަޕޯޓަރުން ބުނެއެވެ.



ރާއްޖޭގެ ހަމައެކަނި ބައިނަލް އަގުވާމީ އިންޓަރނޭޝަނަލް އެއަރޕޯޓް
ޖީއެމްއާރަށް ދިނުމުގައި އޭރު ދިވެހި ސަރުކާރުގެ އިސްކޮށް ތިއްބެވި ބައެއް
ބޭފުޅުންނާއި ޖީއެމްއާރާއެކު ކަރޮޕްޝަންގެ މައްސަލަތަކެއް ހިނގާފައިވާކަމަށް
ތުހުމަތުކުރެވިފައިވެއެވެ. މިއެއްބަސްވުން އުވައިލީ ދިވެހި ދައުލަތަށް
އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ވިދާޅުވެ 2012 ވަނަ އަހަރު
ނިމެނިކޮށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެއާއެކު އިންޑިޔާ
ސަރުކާރާއި ދިވެހި ސަރުކާރާއިމެދު އުފެދުނު ސީރިއަސް ޑިޕްލޮމެޓިކް މައްސަލަތަކަށް
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ހައްލެއް ލިބިފައިވީނަމަވެސް އަދިވެސް
ކުރީގައި އޮތް ބަދަހި ގުޅުމަށް ދެގައުމުގެ ގުޅުން އެބުރި ރުޖޫއަ ނުވާކަމަށް
ރާއްޖޭގެ ޑިޕްލޮމެޓިކް ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.



ރާއްޖޭގެ އެއަރޕޯޓް ޖީއެމްއާރާއި ހަވާލުކުރުމުގެ މަޝްރޫއަކީ
އިންޑިޔާގެ ސްޓެރެޓަޖިކް މަޝްރޫއެކެވެ. މިމަޝްރޫއުގެތެރެއިން އިންޑިޔާކަނޑުގައި
އިންޑިޔާއިން ހިމާޔަތްކުރަން ބޭނުންވާ ޚާއްސަ މަސްލަހަތުތައް ހިމާޔަތް
ކުރެވޭނެއެވެ. އެއީ އިންޑިޔާގެ ފުރިހަމަ ނުފޫޒު ދިވެހި ސަރުކާރަށް މިމަޝްރޫއުގެ
ތެރެއިން ފޯރުވުމުގެ މަގު ފަހިވެގެންދާނެތީއެވެ. 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ
ސީދާ މިމަޝްރޫއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވެރިކަމަށް
ހޮވިވަޑައިގެންފިނަމަ ޖީއެމްއާރް އަލުން ރާއްޖެ ގެންނަވާނެކަމަށް ތަކުރާރުކުރައްވާ
ވިދާޅުވެފައެވެ.



ޖީއެމްއާރް މައްސަލާގައި އިންޑިޔާގެ އޭރުގެ ފެޑެރަލް ގިނަ
މިނިސްޓަރުންތަކެއް ބައިވެރިވެވަޑައިގެން ތިއްބެވިކަމަށް މިހާރު ވެރިކަންކުރާ
ބީޖޭޕީގެ ސަޕޯޓަރުން ވިދާޅުވަމުން ގެންދެވުމަކީ ޝައުގުވެރިކުރުވަނިވި ވާހަކަ
އެކެވެ. އަދި ޚޫރުޝީދާއި މުލޭގެ ވާހަކަ ގެނައުމަކީވެސް ފާހަގަކުރަންޖެހޭ ކަމެކެވެ.
އެއިން ދައްކައިދެނީ ޕްރައިވެޓް ކުންފުންޏެއްގެ މިއިންވެސްޓްމަންޓާއި އިންޑިޔާގެ
ޕޮލިޓީޝަނުންނާއި އޮތް ގުޅުންތަކެވެ.