ވިޔަފާރި

މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފި

މަންޓާ އެއާއިން ސީޕްލެން ދަތުރުތައް ފެށުމަށްޓަކައި އެ އެއަރލައިންގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ.

މަންޓާ އެއަރ އިން ބުނީ "DHC-6 ޓްވިން އޮޓަރ" މަރުކާގެ މި ސީޕްލޭން ރާއްޖެގެނެސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ކެނެޑާއިން ފުރައިގެން 7 މަންޒިލެއްގައި ޖެއްސުމަށްފަހުކަމަށެވެ. މި ސީޕްލޭންއަކީ 2 ޕައިލެޓާއެކު 19 ފަސިންޖަރުންގެ ޖާގައިގެން ސީޕްލޭނެކެވެ. އެހެންނަމަވެސް ލަގެޖާއެކު 15 މީހުންނަށް ދަތުރުކުރެވޭނެކަމަށް އެ އެއަރލައިނުންބުނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެއެއަރލައިންގެ ޗީފް މާރކެޓިން އޮފިސަރ އަޙްމަދު މައުމޫން ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް އަންނަ މަސްތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭތައްޔާރީތައް ވަމުންދާކަމަށާ، ޚިދުމަތް ފަށާނީ މިހާރު އެއެއަރލައިނުން ޚިދުމަތްތައް ދެމުންދާ މަންޒިލްތަކުގެ ކައިރީގައިވާ ރިޒޯޓްތަކަށްކަމަށްވެސް މަންތާ އެއަރއިން ބުނެއެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ޚިދުމަތް ބޭނުންވާ އެހެންފަރާތްތަކަށްވެސް ފިކްސްޑް ޝެޑިއުލްއަކާ އެޑްވާންސް ބްކިންގެ ޚިދުމަތް ދެމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަންޓާ އެއަރިން ފުރަތަމަ ސީޕްލޭން ގެނެސްފައިވާއިރު މާދަމާވެސް އިތުރު ސީޕްލޭނެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މަންޓާ އެއަރއިން ސީޕްލޭން ފްލީޓަށް މުޅި ޖުމްލަ 10 ސީޕްލޭން ގެނައުމަށް ވަނީ ނިންމާފައެވެ. "DHC-6 ޓްވިން އޮޓަރ" މަރުކާގެ އިތުރު 3 ސީޕްލޭން މިމަހުގެ ތެރޭގައި ރާއްޖެ ގެންނާނެކަމަށް މަންޓާއިން ބުނެއެވެ. އަދި ބާކީ 5 ސީޕްލޭން މިއަހަރުގެ ތެރޭ ގެންނާނެކަމަށް ވެސް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މިއެއަރލައިންގެ އުދުހުންތައް މި ވަގުތު ބާއްވަމުން ގެންދަނީ ބ.ދަރަވަންދުއަށާއި ދ.ކުޑަހުވަދޫއަށެވެ.