ޚަބަރު

މަގޫދޫ ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި


ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކާއި ރަށުން ލިބެންހުރި ޚިދުމަތްތަކާއި ގުޅިގެން ރައްޔިތުންގެހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ ޙިއްސާކުރައްވާފައެވެ.

މަގޫދޫ ކައުންސިލަރުންނާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު މަޝްރޫޢުތަކާއި ބައެއް ޚިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ޞިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ފެނާ ނަރުދަމާގެ ޚިދުމަތް ފުރިހަމަ ވެފައިނެތުމުން ދިމާވާ ދަތިތަކާއި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުމަށް މިހާރު ޤާއިމުކޮށްފައިވާ ވަޞީލަތްތަކުގެ ބޭނުން ހިފޭނެ ގޮތް ހެދުމާ އަދި ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. މީގެއިތުރުން ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަގޫދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވިދާނެ މަޝްރޫޢުތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެއްވޭ ތާރީޚްތައްވެސް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިހާރު އިޢުލާނުކުރައްވާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތަށް މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްގެންދެވުމަށް ކަމުގައި ހާމަކުރެއްވިއެވެ.