ޚަބަރު

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ނިންމައިފި


އިޙްތިސާސުން ބޭރުން ކުރިކަންކަމާ ގުޅިގެން އެކަމުގައި ހިމެނޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ 69ވަނަ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ އިޚްތިސާސްއިން ބޭރުން އެކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފް ނިންމުންތަކާ ގުޅޭ ރިޕޯޓް"ގައި ހިމެނޭ މައްސަލަތަކުގައި، ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ނިންމަވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ހިމެނޭހެން ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީންވަނީ ނިންމާފައެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ޖޭއެސްސީގެ ރައީސް އަދި ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ މައްސަލަވެސް ބެލުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަދި މިގޮތަށް ނިންމާފައިވަނީ ސައުތު އެފްރިކާގެ ރިޓަޔާރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހުގައިކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ. މިމައްސަލަތައް ތަޙްޤީޤުކުރުމުގައި އެފަދަ އިތުރުކަމެކެވެ.

ޖޭއެސްސީގެ ކޮމިޓީއަށް ފާހަގަކުރެވޭނަމަ އެކަމެއް ހިމަނައިގެން މިތަޙްޤީޤު ކުރިއަށްގެންދިއުމަށްވެސް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައިވަނީ ނިންމާފައެވެ. ހަމައެގޮތަށް ސުޕްރީމް ކޯޓުން ނިންމަވާ ދުސްތޫރީ މައްސަލަތަކާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ މަޝްވަރާކުރުމަށްވެސް މި ބައްދަލުވުމުގައިވަނީ ނިންމާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައި ވާ ގޮތަށް މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް 38 މައްސަލައެއް ތާވަލުކުރެވުނުއިރު، އެކޮމިޓީގެ ނިންމުމާއި އެއްގޮތަށް 03 މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. މިގޮތުން ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވަނީ ޏ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ މައްސަލައާ، ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ 2 މައްސަލައެއްގެ ސުލޫކީ މައްސަލަބެލުމަށްކަމަށް ޖޭއެސްސީ މަޢުލޫމާތުދެއްވިއެވެ.