ޚަބަރު

5 ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޑިޒައިންކުރަން ބަޔަކާ ޙަވާލުކޮށްފި


ފަސް ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ޑިޒައިން މަސައްކަތް އަދި ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ އެސެސްމަންޓް ހެދުމަށް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ޑިޒައިންކޮށް އީއައިއޭ ހެދުމަށް ޙަވާލުކުރި ރަށްތަކަކީ މ.މުލަށް، މ.ދިއްގަރު، މ.ކޮޅުފުށި، ތ.ބުރުނީ އަދި ތ.ވަންދޫއެވެ. ފަސް ރަށުގެ ކޮންސަލްޓެންސީ މަސައްކަތްތައްވެސް ޙަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ލަމެއަރ ގްރޫޕް އެންޑް ނިރާސް އޭ.އެސް (ޑެންމާކް) ކުންފުންޏާއެވެ. މިއެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ އީ.އައި.އޭ ތައްޔާރުކުރުމާއި މަޝްރޫޢު ކުރިއަށްގެންދާނެގޮތުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.

މަސައްކަތް ޙަވާލުކޮށްފައިވަނީ 12 މަސް ތެރޭގައި ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތް ލަމެއަރ ގްރޫޕް އެންޑް ނިރާސް އޭ.އެސް (ޑެންމާކް) ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ރިޔަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ހަމީޒެވެ.