ޚަބަރު

އަލިފާނުގެ ޙާދިސާއާ ގުޅިގެން ވަގުތީ ހިޔަގައި ތިބި ޢާއިލާތައް ބަދަލުވާން އިރުޝާދުދީފި


އަލިފާނުގެ ޙާދިސާގައި އެންޑީއެމްއޭގެ ބެލުމުގެ ދަށަށް ގެނައި އާއިލާތަކުގެ ތެރެއިން، ކުއްޔަށް ދިރިއުޅުނު ޢާއިލާތަކަށް އަލުން އައު ތަންތަން ކުއްޔަށް ހޯދުމަށް އިރުޝާދުދީ، އެގޭބިސީތަކުގެ ކުލި ތިން މަސްދުވަސް ވަންދެން، ސަރުކާރުން ދައްކާގޮތަށް ހަމަޖައްސައިފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވެފައިވަނީ އެއޮތޯރިޓީގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 38 އާއިލާގެ 164 މީހުން ކަމަށެވެ. މީގެތެރޭގައި މަރާމާތުގެ ބައެއް މަސައްކަތްތައް އެ ގޭގޭގައި ކުރިއަށްދާތީ ބަދަލު ނުވެވި ތިބި 6 އާއިލާ ހިމެނޭއެވެ. މިޢާއިލާތައް އަންނަ ހަފްތާގެ ތެރޭގައި އެމީހުންގެ ގެތަކަށް ބަދަލުވާނެއެވެ.
އަލިފާނުގެ ޙާދިސާ ހިންގައިގެން އެންޑީއެމްއޭގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ކުއްޔަށް އުޅެމުންދިޔަ ޢާއިލާތަކަށް އަލުން އާތަންތަން ކުއްޔަށް ހޯދައިގެން ދިރިއުޅުން ބަދަލުކުރުމަށް އިތުޝާދު ދީފައިވާކަމަށެވެ. ވަގުތީ ހިޔާގައި 38 އާއިލާއެއް މިހާރުވެސް އުޅެމުން ގެންދާއިރު، މީގެތެރެއިން 24 ޢާއިލާއަކީ އެސަރަޙައްދުގައި ކުއްޔަށް ދިރިއުޅުނު ޢާއިލަތަކެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މި ޢާއިލާތަކުން ކުއްޔަށް ހިފައިގެން ބަދަލުވެވޭ ވަރަށް އިންތިޒާމްތައް އެންޑީއެމްއޭއިން ހަމަޖައްސާނެކަމަށެވެ.

ސަރުކާރުންވަނީ މި 24 ޢާއިލާއަށް ގޭގެ ކުލި ދެއްކުމަށް 3 މަސް ދުވަހުގެ ފައިސާ ހަމަޖައްސައިދިނުމަށް ނިންމާފައެވެ.

އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބި 38 ޢާއިލާގެ ތެރޭގައި ދެން ހިމެނެނީ އަމިއްލަ ގެދޮރުގައި ދިރިއުޅުނު 8 ގޭބިސީގައި ދިރިއުޅު އާއިލާއެވެ. މި ޢާއިލަތަކަށް ގާކޮށި ފްލެޓްގައި އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާވަރަށް އިންތިޒާމްތައް ދަނީ ހަމަޖައްސައިދެމުންނެވެ.

އެންޑީއެމްއިންދަނީ ޙާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލްވެސް ބަލަމުންނެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން ހިފާގެންގުޅޭ ތަކެއްޗައް 1މިލިއަން 36 ހާސް ރުފިޔާގެ ގެއްލުންވެފައިވާކަމަށްވަނީ ބުނެފައެވެ. މި އެސެސްމަންޓް ހަދާފައިވަނީ ގެއްލުންވި 18ގޭގެ 92 ގޭބިސީން އެއްކުރި މަޢުލޫމާތުންނެވެ. މި އެސެސްމަންޓުން އެނގިފައިވާގޮތުގައި 41 ގެއެއްގެ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗައް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.

އިމާރާތްތަކަށް ލިބުނު ގެއްލުނަތެއްވެސް ދެނެގަތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިމާރާތްތަކަށް ލިބުނު ގެއްލުން ދެނެގަތުމަށް 31 ގެއެއްގެ އެސެސްމަންޓް މިހާރުވަނީ ހަދާފައެވެ. މީގެތެރޭގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ތަލާލި ގުދަންތައްވެސް ހިމެނެއެވެ.
އެންޑީއެމްއޭއިން ވިދާޅުވެފައިވަނީ ޢިމާރާތްތަކަށް ލިބުނު ގެއްލުން ދެނެގަނެވުނުހާ އަވަހަށް ސަރުކާރުންދޭ އެހީއާއި، ރިލީފް ފަންޑަށް ލިބުނު އެހީ ބަހާނެކަމަށެވެ. މި މަސައްކަތް ކުރިއަށްދާނެގޮތް އަންނަ ހަފްތާގައި އިޢުލާންކުރާނެކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މިދިޔަމަހުގެ ސެޕްޓެމްބަރު 20ވަނަ ދުވަހު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއަކީ ކެމިކަލް ގުދަނެއްގައި ރޯވެ ހިންގި ނުރައްކާތެރި ޙާދިސާއެވެ. މި ހާދިސާގައި 7 ގެއަކާއި، 4 ގުދަނެއްވަނީ އަނދާފައެވެ.