ޚަބަރު

ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިދަނީ މަސައްކަތް ކުރަމުން - ފިނޭންސް މިނިސްޓްރީން


ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން އަންނައަހަރަށް ލަފާކޮށް ދަޢުލަތުން ހުށަހަޅާ ބަޖެޓުގައި ހިމެނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތަކާގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ސަރުވާޝް އާދަމް ވިދާޅުވީ، ބަޖެޓް ސީލިންގ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއަރޓަގައި ފަށާފައިވާކަމަށެވެ. އަދި މިދިޔަ ޖޫންމަހުގެ ނިޔަލަށް ސަރުކާރު އޮފީސްތަކުން ބަޖެޓުގައި އަލަށް ހިމަނަން ބޭނުންވާ މަޝްރޫޢުތައް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށާއި، އޮފީސްތަކުގެ ސެކްޓަރ ޕްލޭންނާއި، ކަނޑައަޅާފައިވާ ސީލިންގއާއި އެއްގޮތަށް އޮފީސްތަކުން ބަޖެޓް ހުށަހަޅާފައިވާކަމަށެވެ.

ސަރުވާޝް ވިދާޅުވީ، މިހާރު ކުރަމުންދަނީ، އޮފީސްތަކުން ހުށަހަޅާފައިވާ ސެކްޓަރ ޕްލޭންތަކާއި، ސަރުކާރުން ދާދިފަހުން އެކުލަވާލި "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"ގައި ހިމެނޭ ކަންކަން އެއްގޮތްތޯ ބަލައި، ބަޖެޓުގައި ހިމަނަންޖެހޭ މަޝްރޫޢުތައް ފައިނަލް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓާއި މަޝްވަރާކުރެއްވުމަށްފަހުކަމަށްވެސް ސަރުވާޝް ވިދާޅުވިއެވެ.

ސަރުވާޝް ވިދާޅުވީ، ބަޖެޓާއި ގުޅުންހުރި މުހިއްމު ސިޔާސަތުތަކެއް ވަރަށް އަވަހަށް މިނިސްޓްރީގެ ފަރާތުން އާއްމުކުރައްވާނެކަމަށެވެ. އަދި އެ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ "ރިއަލިސްޓިކް" ބަޖެޓެއް އެކުލަވާލުމަށްކަމަށާއި، ބަޖެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޮފީސްތަކަށް ބާރު އަޅަމުންދާކަމަށެވެ. މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައިވެސް ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަނީ ބަޖެޓް ބައިކުރެވޭނެ ގޮތާއި، އެއް ކޯޑުން އަނެއް ކޯޑަށް ބަޖެޓް ޓްރާންސްފަރ ކުރުމުގެ އުޞޫލެއް އެކުލަވާލާ އާއްމުކޮށްފައެވެ. 2020 ވަނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށަހަޅާ ބަޖެޓްގެ ހުރިހާ މަސައްކަތެއް ނިންމާ، މިމަހުގެ 31ގެ ކުރިން ފިނޭންސް މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.