ޚަބަރު

ޝީއިން 18 މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީންކޮށްފި


މެންޓަލް ހެލްތް އެމްބެސެޑަރުންގެ ގޮތުގައި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)އިން 18 ސްޓޫޑެންޓް ނަރުހުން ތަމްރީންކޮށްފިއެވެ.

މެންޓަލް ހެލްތް އެމްބެސެޑަރުންގެ ގޮތުގައި ތަމްރީންވި ސްޓޫޑެންޓް ނަރުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެކަމަނާވަނީ ނަފްސާނީ ބަލިން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ބައިވެރިން ތައްޔާރުކުރި ޕޯސްޓަރުތައްވެސް ބައްލަވާލައްވާފައެވެ.

ވޯލްޑް މެންޓަލް ހެލްތް ޑޭއާއި ގުޅިގެން ޝީއިން ކުރިއަށްގެންދިޔަ މެންޓަލް ހެލްތް އެމްބެސެޑަރސް ޓްރެއިންގ ޕްރޮގްރާމަކީ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިންގއާއި ގުޅިގެން ކުރިއަށްގެންދިޔަ 10 ދުވަހުގެ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގެ ބައިވެރިންނަށްވަނީ ނަފްސާނީ ބަލިތަކުގެ މަޢުލޫމާތާއި، ނަފްސާނި ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ކަންތައްތަކާއި، އަދި އެކަމުގެ އަސަރުކޮށްފައިވާ މީހުންގެ އުޅުމަށް އަންނަ އެކިއެކި ބަދަލުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. އަދި ނަފްސާނީ ބަލި ތަޙައްމަލުކުރާ ކުޑަކުދިންނާއި، އަދި އެހެން އުމުރުގެ މީހުންނަށްވެސް އެމީހުންގެ އުމުރާއި ގުޅޭގޮތުން އެހީތެރިކަން ދެވޭނެ ގޮތްތައްވަނީ ކިޔައިދީފައެވެ. އެގޮތުން ފަރުވާ ހޯދޭނެ ގޮތްތަކާއި، އެކަންކަމާއި ކެރިގެން ކުރިމަތިލާނެ ގޮތްތަކާއި، ނަފްސާނީ ބަލީގެ ވޭން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަށް އެ ދަރިވަރުން ތަމްރީނުކޮށްފައިވާކަމަށްވެސް ޝީއިން ބުނެއެވެ.

މީގެއިތުރުން ޓްރެއިނިންގގެ ބައިވެރިންނަށްވަނީ މުޢާމަލާތްކުރާނެ ގޮތްތަކާއި، ރުޅި ކޮންޓްރޯލް ކުރާނެ ގޮތާއި ގުޅޭގޮތުން ކިޔައިދީފައެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުންނަށް، ފަސޭހަކަމާއެކު އެހީ ލިބޭނެ ފަރާތްތަކެއް ތަމްރީންކޮށް ނަފްސާނީ ބަލި ހުންނަ މީހުންނަށް އެހީވުމުގައި އިސް ދައުރެއް އަދާކުރާނެ އެމްބެސެޑަރުންތަކެއް ނެރުންކަމަށް ޝީއިން ބުނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދީފައިވަނީ ޝީގެ ފެސިލިޓޭޓަރުންނެވެ.