އައްޑޫސިޓީ ހިތަދޫގައި އަޅާފައިވާ 264 ފްލެޓާއި، ހުޅުދޫގައި އަޅާފައިވާ 48 ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރުލުން ބާއްވައިފިއެވެ.
ހިތަދޫގައި އަޅާފައިވާ ފްލެޓްތަކަށް ހިތަދޫ ނޫރާނީ ސްކޫލުގައި ގުރުލުން ބާއްވާފައިވާއިރު މިގުރުލުމަކީ އެމީހަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ބޭއްވި ގުރު ލުމެކެވެ.
ހިތަދޫގައި ތިން ކެޓަގަރީއަކުން 230 ފްލެޓް ވަނީ އެކި މީހުންނަށް ދޫކޮށްފައެވެ. މީގެ ތެރެއިން 150 ފްލެޓަކީ ހިތަދޫ ރައްޔިތުންނަށް ޚާއްޞަ ކޮށްފައިވާ ފްލެޓްތަކަށް ވާއިރު، 30 ފްލެޓް މަރަދޫ އަދި މަރަދޫ ފޭދޫ ރައްޔިތުންނަށް ޚާއްސަ ކޮށްފައި ވެއެވެ. އަދި 50 ފްލެޓު ފޭދޫގެ ރައްޔިތުންނަށް ވަނީ ހާއްސަ ކޮށްފައިވެއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ 34 ފްލެޓަކީ ވިޔަފާރި އުޞޫލުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓް ތަކެއް ކަމަށެވެ.
އައްޑުސިޓީގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ހުޅުދޫގައި އަޅާފައިވާ 48 ފްލެޓަށް ދެ ގިންތި އަކުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުުޠު ހަމަވި ފަރާތްތަކަށްވެސް ވަނީ ފްލެޓް ޙަވާލު ކުރުމުގެ ގޮތުން ގުރުލާފައެވެ. އެގޮތުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ޚާއްޞަ 23 ފްލެޓާއި، ހުޅުމީދޫ ނޫން ރައްރަށުގެ މީހުންނަށް ހާއްސަ 15 ފްލެޓެވެ.
މި ފްލެޓްތަކަށް ޑައުން ޕޭމެންޓުގެ ގޮތުގައި 19000 ރުފިޔާ ދޭންޖެހެއެވެ. ޑައުންޕޭމެންޓް ދެ ފަހަރެއްގެ މަތިން ދައްކައި ޚަލާޞް ކުރާގޮތަށްވަނީ ނިންމާފައެވެ. ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ ދައްކަން ޖެހެއެވެ. މީގެ އިތުރުން ކޮންމެ މަހަކު މެއިންޓަނަންސް ފީއެއްގެ ގޮތުގައި 550 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މަހު ކުލި ނަގަން ފަށާނީ ޑައުންޕޭމެންޓަށްވާ ދެ މަސް ދުވަހުގެ މުއްދަތު ހަމަވުމަށް ފަހުގައި ކަމަށްވަނީ ކަނޑައަޅާފައެވެ.
އައްޑޫސިޓީ ކައުންސިލުން ބުނީ ފްލެޓަތަކަށް ފެނާއި، ނަރުދަމާ އާއި، ކަރަންޓު ޚިދުމަތް ދިނުމަށް ފެނަކަކޯޕަރޭޝަނަށް ހުށަހަޅަން ޖެހޭނީ ފްލެޓް ލިބުނު މީހުން އަމިއްލަޔަށް ކަމުގައެވެ.
ސިޓީ ކައުންސިލުން މަޢޫލޫމާތު ދެއްވި ގޮތުގައި އައްޑޫގެ ފްލެޓްތަކުގެ އެގްރިމެންޓް ސޮއި ކުރުމުގެ ކަންކަން މިމަހުގެ 11 އާއި 18 އާއި ދެމެދު ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. އަދި މިކަމަށް ޓަކައި ހައުސިންގް މިނިސްޓްރީގެ ޓީމެއް އައްޑޫއަށް ދާން ހަމަޖެހިފައިވާ ކަމަށް އެކައުންސިލުން މައުލޫމާތު ދެއެވެ.