ޚަބަރު

ނުރަސްމީ ތަޢުލީމް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް ކައުންސިލްތަކުގެ ޚިޔާލުހޯދުމަށް ބޭއްވި މަހާސިންތާ ނިންމާލައިފި


ނުރަސްމީ ތަޢުލީމް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް ކައުންސިލްތަކުގެ ޚިޔާލުހޯދުމަށް ބޭއްވި މަހާސިންތާ ނިންމާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި މަހާސިންތާއަކީ ދެދުވަހުގެ މުއްދަތަކަށް ކުރިއަސްގެންދިޔަ މަހާސިންތާއެވެ. މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.
މި މަހާސިންތާއަކީ ނުރަސްމީ ތަޢުލީމް ބޭނުންވާ ފަރާތްތަކަށާއި ބޮޑެތި މީހުންނަށް ނުރަސްމީ ތަޢުލީމް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލްތަކާމެދު މަޝްވަރާކޮށް ހުރި ފުރުޞަތުތަކާމެދު ޚިޔާލު ބަދަލުކުރުމަށް ބޭއްވި މަހާސިންތާއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ކުރިއަތް އޮތްތަނުގައި ނުރަސްމީ ތަޢުލީމް ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި މަހާސިންތާތައް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ އެއްބާރުލުމާއެކު އެކި އަތޮޅުތަކުގައި މިފަދަ މަހާސިންތާތައް ކުރިއަށްގެންދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔުނިސެފާއި ގުޅިގެން ނުރަސްމީ ތަޢުލީމްގެ ޤައުމީ ސިޔާސަތު އެކުލަވާލާ އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް އެންއައިއީން ދަނީ ކުރަމުންނެވެ.
ނުރަސްމީ ތަޢުލީމް އުނގަންނައިދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ. އެގޮތުން މި މަހާސިންތާގައި މިހާރު އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކޮށް ތަންފީޒްކުރުމުގެ ކުރިން ކައުންސިލަރުންގެ ޚިޔާލު ހޯދާ މި ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ރަށަކުން ކައުންސިލަރުން ބައިވެރިވިއެވެ.