ކުޅިވަރު

ޓީސީ އަށް އެފްއޭއެމުން ފައިސާ ނުލިބޭ


ޓީސީ އަށް އެފްއޭއެމުން ތިން މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށް އެކުލަބުން ބުނެފިއެވެ.

ދިރާގު ދިވެހި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް އަހުމްދު ނަޝީދު (ޑޭވް) ވިދާޅުވީ އޭނާގެ ކުލަބަށް އެފްއޭއެމުން ވެސް އަދި ސަރުކާރުން ވެސް މި އަހަރު އެފަދަ މިންވަރަކަށް ފައިސާ ލިބިފައިނުވާ ކަމަށެވެ. މިހެންވެ މިވަގުތު ކުލަބު ހިންގުމަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި މި ސީޒަން ނިމުމާއެކު ކުލަބު އުވާލަން ވިސްނަނީ ދަރަނި އަދާނުކުރެވޭނެތީ ކަމަށެވެ.

ކުލަބު ޖަމިއްޔާތަކުގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި ސްޕޯޓްސް ކޮމިޝަނަރުކަން އެންމެ ފުރަތަމަ ކުރެއްވި ޑޭވް ޓިވީއެމްގެ ދިވެހި ފުޓްބޯޅަ ޝޯގައި ވިދާޅުވީ ޓީސީ ހިންގުމަށް ދަތިތަކެއް ކުރިމަތިވީ މިދިޔަ ދެ އަހަރު ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ލިބެމުންދިޔަ ތިން މިލިއަން ރުފިޔާ މި އަހަރު ލިބޭގޮތް ނުވުމުން ކަމަށެވެ. މީގެ އިތުރުން ކުލަބުތަކަށް ސްޕޮންސާދޭނެ ބަޔަކު ވެސް މިހާރު މަދު ކަމަށާއި މިހެންވެ ކުލަބު ހިންގަންޖެހެނީ އަމިއްލަ އަތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތުން ލިބޭ ހިލޭ އެހީގައި ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ އަގުބޮޑު މި ޒަމާނުގައި މިއީ ނުކުރެވޭނެ ކަމެއް ކަމަށާއި ޓީސީގެ މާލީހާލަތު އޮތީ އަރައިގަންނަން އުނދަގޫވަގުތެއް ކަމަށެވެ.

ޓީސީން އެކުލަބު އުވާލާނީ ދަރަނި އަދާނުކުރެވިއްޖެނަމައެވެ. ސަބަބަކީ ފުޓްބޯޅަ ކުލަބު ހިންގަން ހޭދަވާ ޙަރަދު ބޮޑުވުމެވެ. އެ ޓީމުގެ ބަހަނާ އަކީ މިދިޔަ އަހަރު ސަރުކާރުން ލިބުނު ތިން މިލިއަން ރުފިޔާ މި އަހަރު ނުލިބުމެވެ. ސަރުކާރުން ތިން މިލިއަން ރުފިޔާ ނުލިބުނު ނަމަވެސް އެފްއޭއެމުން އެކުލަބަށް މި އަހަރު ތިން މިލިއަން ރުފިޔާ ވަނީ ދީފަވާކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. ނަމަވެސް ޓީސީ ސްޕޯޓްސް ކުލަބްއިންވަނީ މިކަން ދޮގުކޮށްފައެވެ. އަދި އެފްއޭއެމްއިން ޓީސީ ސްޕޯޓްސް ކުލަބްއަށް 3 މިލިއަން ރުފިޔާ ދީފައިނުވާކަމަށް އަހުމަދު ނަޝީދު (ޑޭވް) ބުނެފިއެވެ.