ޚަބަރު

އަތުލައިގަތް ބޯޓުގައި 59.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި


ޕޮލިހާއި އެމްއެންޑީއެފް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީގެ ދެ ދުވަސްކުރިން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން އަތުލައިގަތް ބޯޓުގައި ހުރި މަސްތުވާތަކެތީގެ އަގު 50 މިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މިއޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް އަދި މެރިން ޕޮލިސްއާއި ކޯސްޓްގަރޑް ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެއްކަމަށެވެ. އަދި މިބޯޓުން 150 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާއިރު، އެ ތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އީރާނުގެ ދިދަ ނަގާފައިވާ އެ ބޯޓަކީ ކޮން ޤައުމެއްގެ ބޯޓެއްކަމެއް މިހާތަނަށް އިނގިފައިނުވާކަމަށް ޕޮލިހުން ބުނެއެވެ. އަދި މި ބޯޓުގައި ކާކުކަން ކޮން ޤައުމެއްގެ ކޮންބައެއްކަން ނޭނގޭ 6 މީހަކު ތިބިކަމަށްވެސް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް ބޯޓުން މަސްތުވާތަކެތި ނެގުމަށްޓަކައި އެ ސަރަޙައްދުގައި އުޅުނު ދިވެހި ދޯންޏެއްވެސް ވަނީ އެމްއެންޑީއެފުން ވަނީ ހިފަހައްޓާފައިވެއެވެ. "ހޭދަކުރި-7" ނަމަކަށްކިޔާ މި ދޯނީގައި 2 ދިވެހިންނާއި، 2 ބިދޭސީން ތިބިކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ރާއްޖޭގެ އުތުރުން 172 ނޯޓިކަލް މޭލު ބެރުން ފެނުނު މި ބޯޓާއި، ދިވެހި ދޯނި މިހާރު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްގީގުކުރަމުންނެވެ.