ކުޅިވަރު

މިކްސް ޓީމް އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފި

ލިނިންގ ސައުތް އޭޝިއަން އަންޑާ 21 ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ މިކްސް ޓީމް އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މުބާރާތުގައި، އިންޑިއާއިން ޗެމްޕިއަންކަން ހޯދީ ފައިނަލް ޓައީގައި ލަންކާގެ މައްޗަށް ފަހަތުން އަރައި 3 ގޭމު 1 ގޭމުން ކުރިހޯދައިގެންނެވެ.
އިންޑިއާ އާއި ލަންކާ ވާދަކުރި ފައިނަލް ޓައީގެ ފިރިހެން ސިންގަލްސް ގޭމް ކާމިޔާބުކުރީ ލަންކާއިންނެވެ. ފިރިހެން ސިންގަލްސްގައި އިންޑިއާއިން ނިކުތީ ސައި ޗަރަން ކޯޔާއެވެ. ސްރީލަންކާއިން ނިކުތީ ރަންތުޝްކާ ސުސިންދުއެވެ. މިމެޗު ސުސިންދު ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ ދެސެޓުވެސް ސުސިންދު ގެންދިޔައީ 21-17 އިންނެވެ.

ފުރަތަމަ ގޭމް ލަންކާއިން ކާމިޔާބުކުރި ނަމަވެސް އިންޑިއާއިން ދެވަނަ ގޭމް ކާމިޔާބުކޮށް އުންމީދު އައުކުރިއެވެ. ދެވަނަ ގޭމްގައި، އަންހެން ސިންގަލްސްއަށް ލަންކާއިން ނިކުތީ ހަސާރާ ޗަތުމްހަރީއެވެ. އިންޑިއާއިން ނިކުތީ ޒުވާން އުންމީދީ ކުޅުންތެރިޔާ މަންސީ ސިންގްއެވެ. އުމުރުން އެންމެ 14 އަހަރުގެ މަންސި ސިންގް ގޭމް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް އޭނާ ގެންދިޔައީ 21-8 އަދި 21-17 އިންނެވެ.

ފައިނަލް ޓައީގެ އެންމެ ވާދަވެރިކޮށް ދިޔައީ ތިންވަނަ ގޭމްއެވެ. ފިރިހެން ޑަބަލްސްގެ ގޭމް އިންޑިއާއިން ކާމިޔާބުކުރީ ފުރަތަމަ ސެޓު ލަންކާއިން ގެންގޮސްފައި ވަނިކޮށް ފަހަތުންއަރައި 2 ސެޓު 1 ސެޓުންނެވެ. ފިރިހެން ސިންގަލްސްގައި ލަންކާއިން ނިކުތީ ޑިމުންދު އާއި ރަންތުޝްކާ ސުސިންދުގެ ޕެއާއެވެ. އިންޑިއާއިން ނިކުތީ ސަރަތް ދުންނާ އާއި ސައި ޗަރަން ކޯޔާގެ ޕެއާއެވެ. މެޗުގެ ފުރަތަމަ ސެޓު ލަންކާގެ ޕެއާއިން ގެންދިޔައީ 21-17 އިންނެވެ. ނަމަވެސް ދެވަނަ ސެޓު އިންޑިއާއިން 21-19 އިން ގެންގޮސް އުންމީދު އައުކުރިއެވެ. އަދި ތިންވަނަ ސެޓު 21-17 އިން ގެންގޮސް އިންޑިއާއިން ޗެމްޕިއަން ކަމާއި ގާތަށް ޖެހިލިއެވެ.

އިންޑިއާއިން މިކްސް ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ހަތަރު ވަނަ ގޭމް ކާމިޔާބުކޮށްގެންނެވެ. ހަތަރުވަނަ ގޭމްގައި އިންޑީއާއިން ނިކުރީ ސިންގް ދީޕްޝިކާ އާއި މަންސީ ސިންގްގެ ޕެއާއެވެ. ލަންކާއިން ނިކުތީ ޖަނަނުވާއި އާއި ހަސީނީ ނުސާކާގެ ޕެއާއެވެ. މިމެޗުގެ ފުރަތަމަ ސެޓު އިންޑިއާއިން ގެންދިޔައީ 21-19 އިންނެވެ. އަދި ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 24-22 އިން ގެންގޮސް މިކްސް ޓީމް އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދިއެވެ.

މުބާރާތުގެ މިކްސް ޓީމް އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާއިން މިހޯދީ ކުޅުނު ހިރިހާ ޓައީއެއްވެސް ކާމިޔާބުކޮށްގެންނެވެ.