ކުޅިވަރު

މާފަންނު ސްޕޯޓްސް އެރީނާގެ ބިންގާ އަޅައިފި

ފީފާގެ ސްޓޭންޑަޑަށް ހަދާ ސްޕޯޓްސް ރިހެބިލިޓޭޝަން ސެންޓަރެއް ހިމެނޭ ގޮތަށް އިމާރާތް ކުރާ އެފްއޭއެމްގެ އޮފީސް އިމާރާތާއި، ޓާފް ދަނޑުގެ ބިންގާ އަޅައިފިއެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބިންގާ އަޅުއްވައިދެއްވި މި ދެ މަޝްރޫއަކީ، ފީފާގެ ފޯވަޑް ޕްރޮގްރާމްގެ އެހީގައި އިމާރާތް ކުރާ ދެތަނެވެ. ފީފާގެ ފޯވަޑް ޕްރޮގްރާމަކީ ކުރިން ފީފާއިން ގެންދިޔަ ގޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ފަހު، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯގެ ދައުރުގެ ފުރަތަމަ އަހަރުގައި ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.

ތިން ފަންގިފިލާ ހިމެނޭ ގޮތަށް އިމާރާތް ކުރާ އޮފީހުގައި ކުޅުންތެރިންގެ ނިއުޓިރިޝަން އާއި ޑައިޓް ޕްރޮގްރާމަށް ފެތޭގޮތަށް ހުޅުވާ ކެފިޓީރިއާއެއްވެސް މި އޮފީހުގައި ހިމެނޭނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. މީގެ އިތުރުން ފުޓްބޯޅަ ސަމާނު ވިއްކާ ސްޕޯޓްސް ވެއާ ފިހާރައަކާއި ޖިމެއްވެސް އޮފީސް އިމާރާތާ އެކު ހިމެނޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް، ވިދާޅުވީ ކުޅުމުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ އަނިޔާއިން ރިކަވާ ވުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ގެންދެވޭނެ މާހައުލެއް ނެތުމަކީ ކުޅުންތެރިންނާއި ކުލަބުތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުގެ ސަބަބުން މިހާރު ރިކާވެގެން އަލުން ކުޅެން ނުކުތުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދޭ، އެހެންވީމަ ފީފާ ސްޓޭންޑަޑްގެ ރިހެބިލިޓޭޝަން ސެންޓަރެއް މިތާންގައި އެޅިގެން ދިއުމަކީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އިންޖަރީން އަވަހަށް ރިކަވާވެގެން ކުޅެން ނުކުތުމަށް މަގުފަހި ވެގެންދާނެ ކަމެއް." ބައްސާމް ވިދާޅުވި އެވެ.

އޮފީސް އިމާރާތާއި ޓާފް ދަނޑު އިމާރާތް ކުރަނީ، އެފްއޭއެމްގެ މިހާރުގެ ދެ ޓާފް ދަނޑު އޮންނަ ސަރަހައްދުގެ ދެކުނުުން، ކަޅުތުއްކަލާ ކޮށީ އިރުމަތިން އޮންނަ ހުސް ބިމުގަ އެވެ. މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ، ޓިބަރޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.